ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
ޖަނަވަރީ 13، 2025 އިން ޖަނަވަރީ 17، 2025 އަށް ރައީސް މުއިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މުހިންމު މަޢުލޫމާތާއި، ދަތުރުފުޅަށް ހިނގި ޖުމުލަ ޚަރަދު މިއަދު ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، އެ ދަތުރުފުޅަށް ދިވެހި ސަރުކާރުން 1،371،069.18 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަށް ނުވަ ރުފިޔާ / އަށާރަ ލާރި) ވަނީ ހޭދަކޮށްފައެވެ.
ސަރުކާރުން ފައިސާގެ ޖުމުލަ ޢަދަދު ހާމަކުރި ނަމަވެސް، ފައިސާ ޚަރަދުވީ ކޮން ކަންކަމަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަކުރާއިރު އެ ޚަރަދުތަކުގެ ތަފުސީލު ވެސް ހާމަކުރެއެވެ. އެކަމަކު، އެސްޓޯނިއާ ދަތުރުފުޅާ ގުޅިގެން ހަމައެކަނި ރައީސް އޮފީހުން ހާމަކުރީ ދަތުރުފުޅަށް ޖުމުލަ ޚަރަދުވި އަދަދެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި، އެ ގައުމުގެ އެކިއެކި ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރާއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރާ ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުރިޓީ އަދި އީ-ގަވާނެންސް ފަދަ ދާއިރާތަކުން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށް، އިލްމު ހިއްސާކުރުމުގެ ބޭނުމުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.