މަޝްހޫރު ފްރެންޗައިޒް "ގޮޑްޒިލާ"ގެ ކާމިޔާބު ރިބޫޓްއަކަށް ފަހު ހަ ވަނަ ފިލްމު ނެރުމަށް މަސައްކަތް ފަށައިފިއެވެ.
ގޮޑްޒިލާ ފްރެންޗައިޒްގައި އެންމެ ފަހުން ފެނިފައިވަނީ ގޮޑްޒިލާ އާއި "ކޮންގް"ގެ ކެރެކްޓަރު ތަޅައިފޮޅުމަށްފަހު، އާ ދުޝްމަނުން ހުއްޓުވުމަށް އެކީގައި މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. މިފަހަރު އަނެއްކާ ވެސް ގޮޑްޒިލާ އާއި ކޮންގް އެކީގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އާ ފިލްމުން ވަނީ އިޝާރާތްކޮށްފައެވެ.
އަލަށް ނެރޭ ފިލްމުގައި ދެ ކެރެކްޓަރު މަސައްކަތް ކުރާނީ ދުނިޔެއަށް އަންނަން އޮތް ބޮޑު ނުރައްކަލެއް ހުއްޓުވުމުގެ މަސައްކަތެވެ.
ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ފިލްމުގެ ބައެއް ކާސްޓިން ބަދަލުކޮށް އަދިވެސް ކެމެރާގެ ފަހަތުން ބައެއް މަސައްކަތްތައް ދަނީ ކުރިއަށެވެ.
ގޮޑްޒިލާ ފްރެންޗައިޒްގެ އެންމެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. އެއަށްފަހު ސްޕިން އޮފް ފިލްމެއް ވަނީ މީގެ ކުރިން ނެރެފައެވެ. އަދި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމެއް ނެރެފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު ނެރުނު "ގޮޑްޒިލާ އެކްސް ކޮންގް: ނިއު އެމްޕަޔާ" އަކީ ފްރެންޗައިޒްގެ އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމެވެ. މި ފިލްމަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
ފިލްމުގެ ކާމިޔަބީއާއެކު މިދިޔަ އަހަރު ވަނީ އެޕަލް ޓީވީއިން ގޮޑްޒިލާގެ ސްޕިންއޮފް ޝޯއެއް ވެސް ގެނެސްދީފައެވެ. މި ޝޯއަކީ ގިނަ ބަޔަކަށް ކަމުގޮސްފައިވާ ޝޯއެކެވެ.