ޝާހުރުކް ޚާންއަށް ހާއްސަކޮށް ފަރުމާކޮށް ތައްޔާރުކުރި ފިލްމު "އިންސްޕެކްޓަ ގާލިބް"ގެ މަސައްކަތް އެކްޓަރާ އެކު ފެށުމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު މަދޫރު ބަންޑާރްކަރް ބުނެފިއެވެ.
މި ފިލްމަކީ މީގެ ހަތް އަހަރު ކުރިން މަދޫރު ތައްޔާރުކުރި ސްކްރިޕްޓަކަށް އުފައްދަން ނިންމި ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތް ނުފެށުނީ ކޮޑިވް-19އިގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ޕެންޑަމިކްގެ ސަބަބުން ކަމަށް މަދޫރު ވަނީ ބުނެފައެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ބޮޑު ބައެއް ޝޫޓް ކުރުމަށް ނިންމި މި ފިލްމަކީ ވަރަށް މޮޅު ސްކްރިޕްޓަކަށް އުފައްދަން ބޭނުންވި ފިލްމެއް ކަމަށާއި މިއީ އެކްޝަން ފިލްމެއް ކަމަށް މަދޫރު ބުނެފައިވެއެވެ.
ފިލްމުގެ ސްކްރިޕްޓް މިހާރު ލައްޕާލާފައި އޮތް ނަމަވެސް އުއްމީދަކީ އަލުން ސްކްރިޕްޓް ހުޅުވައި، ޝާހުއާ މަޝްވަރާ ކުރުމަށްފަހު ފިލްމުގެ މަސައްކަތް ފެށުން ކަމަށް "ފެޝަން"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
މަދޫރް އެންމެ އަވަހަށް ފަށަން ނިންމާފައި ވަނީ ނެޝަނަލް އެވޯޑު ޑައިރެކްޓަރަށް ލިބުނު ފިލްމު ކަމަށްވާ "ފެޝަން"ގެ ސީކުއަލް ފިލްމުގެ މަސައްކަތެވެ.
"ވައިވްސް އޮފް ބޮލީވުޑް"ގެ ނަމުގައި އުފައްދާ މި ފިލްމަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންގެ އަނބިންގެ އިތުރުން އަނބިންގެ ގޮތުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ ބަތަލާއިންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ޝާހު މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކީ އެކްޓަރުގެ ދަރިފުޅު ސުހާނާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ކިންގް"އެވެ. މި ފިލްމަކީ ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ.