ޑިޑީއާ ދެކޮޅަށް އިތުރު ދެ މީހެއްގެ ތުހުމަތުތަކެއް

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް އިތުރު ދެ އަންހެނެއް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އެއަށް ފަހު އެ މައްސަލަތަކާ ގުޅިގެން ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި އަހަރުގެ މާޗު ފަހުކޮޅުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް އިތުރު ތުހުމަތުތަކެއް ވަނީ އޭނާއާ ދެކޮޅަށް ކޮށްފައެވެ. އޭގެ ތެރޭގައި އެކި މީހުންނަށް ގަދަކަމުން މަސްތުވާތަކެތި ދިނުމާއި ރޭޕް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް އެހެން މީހުންނަށް މަގުފަހިކޮށްދިނުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

އަލަށް ޑިޑީއާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފައިވަނީ ދެ އަންހެނުންނެވެ. އެ ތަނުން އެކަކު ތުހުމަތުކޮށްފައިވަނީ އޭނާ ޓްރެފިކްކޮށް ޖިންސީ ގޯނާ ކުރި ކަމަށެވެ. ދެވަނަ އަންހެން މީހާ ވެސް ވަނީ އެފަދަ ތުހުމަތުތަކެއް އޭނާއަށް ކޮށްފައެވެ.

ތަފާތު އެކި މައްސަލަތައް އެއްވެ, މިހާރު ވެސް ޑިޑީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 40 އާ ގާތް ކުރަނީއެވެ.

ޑިޑީއާ ދެކޮޅަށް ފެންމަތިވަމުންދާ އެކި މައްސަލަތަކުގައި ހޮލީވުޑްގެ ބޮޑެތި ތަރީންނާއި ދުނިޔޭގެ މަހުޖަނުން ބައިވެރިވާ ކަމަށް ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ވާހަކައެއް ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ހުރީ ނިއުޔޯކްގެ ބްރުކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި, ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި އެތައް ފަހަރެއްގެ މަތީން ޑިޑީގެ ވަކީލުންގެ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ވެސް ވަނީ ކޯޓުން ބާތިލުކޮށްފައެވެ.

comment ކޮމެންޓް