މިހާރު ދުނިޔޭގައި ހުރި އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އޭބެލް ތެސަފެޔާ ނުވަތަ ސްޓޭޖް ނަމުން ނަމަ "ދަ ވީކެންޑް"ގެ އެންމެ ފަހުގެ އަލްބަމް "ހަރީ އަޕް ޓުމޯރޯ" ރިލީޒް ކޮށްފިއެވެ.
ދަ ވީކެންޑް އަކީ މިހާރު އެންމެ ގިނަ ބަޔަކު އެ އާޓިސްޓެއްގެ އަޑު އަހަމުން އަންނަ އެއް އާޓިސްޓެވެ. އޭނާގެ މަގުބޫލު ކަމުގެ ބޮޑު ކަމުން ގިނެސް ވޯލްޑް ރެކޯޑް ފޮތުން ވެސް ވަނީ މަގާމެއް ހޯދައިފައެވެ. އެގޮތުން އެންމެ ގިނަ މީހުން ލަވަ އަޑު އެހުމަށް ގެންގުޅޭ ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައިގެ އެންމެ ގިނަ ބަޔަކު އަޑު އަހައި އާޓިސްޓުގެ މަގާމާއެކު އޭނާ ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ.
މީގެ އަހަރެއް ކުރީން ގާއިމުކުރި އެ ރެކޯޑްވަނީ މުގުރާލާފައެވެ. މިވަގުތު އެ ރެކޯޑު އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫނޯ މާސް އަތުގައެވެ.
ނަމަވެސް ވީކެންޑްގެ އާ އަލްބަމާ އެކު މި ރެކޯޑު އަނެއްކާވެސް އޭނާ ހޯދާނެ ކަމަށް ބެލެވެއެވެ.
ވީކެންޑް އެންމެ ފަހުން ނެރެފައިވާ އަލްބަމަކީ އޭނާ ވީކެންޑްގެ ގޮތުގައި ނެރޭނެ އެންމެ ފަހު އަލްބަމެވެ. ވީކެންޑް އަކީ އޭނާ އުފައްދާފައިވާ ކެރެކްޓަރެކެވެ. އަދި މި އަލްބަމް އާއެކު ކެރެކްޓަރުގެ ނިމުން އަންނަނީ ކަމަށް އޭނާ ބުންޏެވެ.
އެއަށްފަހު މުޅީން ތަފާތު މަސައްކަތްތައް ކުރުމަށް މިސްރާބު ޖަހާފައިވާ ކަމަށް ވީކެންޑް ވަނީ މީގެ ކުރީން ބުނެފައެވެ. އެހެންވީމާ މިއުޒިކުން ރިޓަޔާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވީކެންޑް ފާހަގަކޮށްފައިވެއެވެ.
މިހާ ހިސާބުން އޭނާގެ ސްޓޭޖް ނަން ވެސް ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިދިޔަ އަހަރު އޭބެލް ވަނީ އޭނާގެ ފުރަތަމަ އެކްޓިން ޕްރޮޖެކްޓުން ފެނިފައެވެ. އެގޮތުން އޭނާ އަމިއްލައަށް ޕްރޮޑިއުސް ކޮށްފައިވާ އެޗްބީއޯ ޝޯއެއް ކަމަށްވާ "ދަ އައިޑަލް"ގެ ލީޑް ރޯލުން އޭބަލް ވަނީ ފެނިފައެވެ. ނަމަވެސް ގިނަ ބަޔަކަށް އޭނާގެ އެކްޓިން ކަމަކު ނުދިޔައެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އޭނާ މަސައްކަތް ކުރާނެ ސީދާ ދާއިރާއެއް އަދި ނޭނގެއެވެ.