މީގެ އަހަރުތަކެއް ކުރީން ކޮށްފައިވާ ތަފާތު އެކި ޓުވީޓުތަކަކާ ގުޅިގެން މިއަހަރުގެ އެންމެ މޮޅު އެކްޓްރެސްގެ ރޯލަށް ނޯމިނޭޓް ވެފައިވާ ކާލާ ސޯފިއާ ގަސްކޯންގެ ނޯމިނޭޝަން ގެއްލިދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.
މިއަހަރުގެ އެންމެ ކޮންޓްރޮވާޝަލް އެއް ނޯމިނޭޝަން އަކީ މިއުޒިކަލް ފިލްމު "އެމިލިއާ ޕެރޭޒް" އެވެ. މި ފިލްމު ވަނީ އޮސްކާ ނޮމިނޭޝަންގައި ރެކޯޑުތަކެއް ހޯދާފައެވެ. އެގޮތުން 13 ނޯމިނޭޝަނާއެކު ފިލްމު ވެފައިވަނީ މިއަހަރުގެ އެވޯޑު ހަފުލާގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ފިލްމަށެވެ. ނަމަވެސް ފިލްމުގެ ކޮލިޓީއަށް ބަލައި މިއީ ހައްގު ނޮމިނޭޝަންތަކެއް ނޫން ކަމަށް އެތައް ބަޔަކު ދިޔައީ ގޮވަމުންނެވެ.
ނޮމިނޭޝަންގެ ތެރެއިން ކާލާ ކުޅެފައިވާ ރޯލަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ރޯލުން ނޮމިނޭޝަން ވެސް ލިބިފައެވެ. އެއާއެކު އޭނާ ވާދަކުރާނީ ސިންތިއާ އެރިވޯ އާއި މައިކީ މެޑިސަން އާއި ޑެމީ މޫ އަދި ފަނެންޑާ ޓޯރޭސް އާއެވެ.
ނަމަވެސް ދާދިފަހުން ފެންމަތިވެފައިވާ ޓްވީޓްތަކަކާ ގުޅިގެން އެ ނޯމިނޭޝަން ގެއްލިދާނެ ކަމުގެ ނިޝާންތައް މިހާރު ވަނީ ފެންނަން ފަށާފައެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ "ވެރައިޓީ"ގެ ނޫސްވެރިޔަކު، ކާލާގެ ސޯޝަލް މީޑިއާ ބަލަމުން ދަނިކޮށް ފެނުނު ކަމަށް ބުނެފައިވަނީ މީގެ ދެ އަހަރެއް ކުރީން ކޮށްފައިވާ ޓްވީޓެކެވެ. މި ޓްވީޓުގައި އޭނާ ވަނީ މެކްސިކޯއަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ހަޑިހުތުރު އަދި ތެދު ނޫން ވާހަކަތަކެއް ދައްކާފައެވެ.
އެއަށްފަހު އެހެން އެތައް ޓްވީޓުތަކެއް ފެނިފައިވެއެވެ. އޭގެތެރޭގައި ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް، ނަސްލީ ތަފާތުކުރުންތައް ހިމެނޭ ވާހަކަތަކާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެތައް ވާހަކަތަކެއް ހިމެނެއެވެ. އަދި އެމިލިއާ ޕެރޭޒްގައި އޭނާއާ އެކީގައި މަސައްކަތް ކޮށްފައިވާ ތަރި ސެލީނާ ގޮމޭޒް އާ ގުޅޭ ގޮތުން ވެސް ކާލާ ވަނީ ވަރަށް ހުތުރު ބަހުން ޓްވީޓުތަކެއް ކޮށްފައެވެ.
މި ވާހަކަތަކާ ގުޅިގެން އޭނާ ދާދި ފަހުން ވަނީ ރައްދުތަކެއް ވެސް ދީފައެވެ. އޭނާ ބުނެފައިވަނީ ބަޔަކު އޭނާއާ ޒާތީވެ ވާހަކަތެއް އޮޅުވާލައިގެން ދައްކަނީ ކަމަށެވެ. ނަމަވެސް މި ވާހަކަތަކީ އޭނާ އަމިއްލަ ކޮށްފައިވާ ޓްވީޓުތަކެއް ކަމަށްވެސް އެތައް ބަޔަކު ފާހަގަކުރިއެވެ.
އެ މައްސަލަތަކާ ގުޅިގެން ކާލާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޑިލީޓް ކޮށްލާފައެވެ. ނަމަވެސް އޭގެ ކުރީން، އޮސްކާ އިންތިޒާމް ކުރާ އެކެޑެމީއިން ވަނީ އޭނާ އިންސްޓަގްރާމުން އަންފޮލޯ ކޮށްފައެވެ. ނަމަވެސް ކާލާގެ ނޮމިނޭޝަނާ ގުޅޭ ގޮތުން އެކެޑެމީއިން ވަކި އެއްޗެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.