ރެއާލްއިން އެޓްލެޓިކޯ ބަލިކޮށްފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވާދަވެރި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގު ރެއާލްއިން ކާމިޔާބު ކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. އަދި މި މެޗު ރެއާލް އިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ރޮޑްރިގޯ އެއް އަރިމަތިން އަރާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެވަނީ މެޗުގެ ލީޑު ރެއާލްއަށް ނަގައިދިން ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި ލަނޑާއެކު އޭރުވެސް ވަރަށް ފޯރީގައި ރެއާލްއަށް ސަޕޯޓް ކުރަމުންދިޔަ އެ ޓީމުގެ ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވެގެންދިޔައެވެ. އަދި މި ލަނޑު ކާމިޔާބު ކުރިތާ މާގިނައިރު ތަކެއް ނުވެ ރެއާލްއަށް ޕެނަލްޓީއެއް ލިބެންޖެހޭކަމަށް އެ ޓީމަށް ހީވިނަމަވެސް ރެފްރީ އެ ކަމަށް މާބޮޑު ސަމާލު ކަމެއް ދީފައެއް ނުވެއެވެ. އަދި މަޑު މަޑުން އެޓްލެޓިކޯއިން މެޗުގެ ތެރެއަށް ވައްނަމުން ގޮސް ރެއާލްއަށް ނުރައްކާ ކުރަން ފެނިތަން ފެނިގެންދިޔައެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި ހޫނިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ވަރަށް ރީތި ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. މިއީ މި ސީޒަންގައި މިމުބާރާތުގައި އަލްވަރޭޒް ކާމިޔާބު ކުރި ހަތް ވަނަ ލަނޑެވެ.

މި މެޗުން ރެއާލްއަށް ލީޑު ދެވަނަ ފަހަރަށް ނަގައިދީ މިމެޗުން މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ސަސްޕެންޝަންގެ ސަބަބުން މިމެޗުގައި ނުކުޅެވުނު ޖޫޑް ބެލިންހަމްގެ ބަދަލުގައި ކުޅެން އެރި ބްރަހީމް ޑިއާޒް އެވެ. މި ލަނޑާއެކު ވެސް ދެ ޓީމުން ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އިތުރު ލަނޑެއް ފެނިގެންދާގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ދެވަނަ ލެގަށް މި އަންނަ ހަފުތާގައި އެޓްލެޓިކޯގެ ދަނޑަށް ނިކުންނައިރު ރެއާލްއަށް ކުޑަ އެޑްވާންޓޭޖްއެއް އޮތް ނަމަވެސް އެޓްލެޓިކޯގެ ދަނޑުގައި އެ ޓީމުގެ ސަޕޯޓަރުން ކުރިމަތީ ކުޅުމަށް ހަމަޖެހިފާ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އެޓްލެޓިކޯއިންވެސް އުންމީދު ކުރެއެވެ.

މި މުބާރާތުގައި މިދިޔަ ސީޒަންގެ ފައިނަލްގައި ރެއާލް އާއި ވާދަކުރި ބޮރޫޝިއާ ޑޯޓްމުންޑް އާއި ލީލް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމުންޑްގެ ދަނޑުގައި ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މި މެޗުގެ 22 ވަނަ މިނެޓުގައި ކަރީމް އަޑެޔެމީ ކާމިޔާބު ކޮށްދިން ލަނޑުން ޑޯޓްމުންޑް ލީޑް ހޯދި ނަމަވެސް ލީލްއިން ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ހަކޯން ހަރާލްޑްސަން ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ދެ ޓީމުގެ ދެމެދުގައި ކުޅޭ ދެވަނަ ލެގު މި އަންނަ ހަފުތާގައި އޮންނާނީ ލީލްގެ ދަނޑުގައި ކަމުން އެ ޓީމަށް އޮތް ފުރުސަތު ބޮޑު ކަމަށް ދެކޭ މީހުން މިހާރު ގިނައެވެ. ނަމަވެސް އެ މެޗުގައި ޑޯޓްމުންޑަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ ކްއާޓާ ފައނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޑޯޓްމުންޑަށް ވެސް އެބައޮތެވެ.

comment ކޮމެންޓް