ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އަދި ކުރީގެ މަޝްހޫރު ބަތަލާ އަމްރީތާ ސިންގްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުކުރާނީ ދަރުމާ ޕްރޮޑަކްޝަންސްއިން ކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އިބްރާހީމްގެ ފޮޓޯ ޝޫޓަކާ އެކު އިންސްޓްގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ދަރުމާ ޕްރޮޑަކްޝަންސްގެ ފަރާތުން އިބްރާހީމް އިންޑަސްޓްރީއަށް ތައާރަފުކުރާނެ ކަމަށް ކަރަން ޖޯހަރު ވަނީ ބުނެފައެވެ.
އިބްރާހީމާ ސެޓުން ފުރަތަމަ ބައްދަލުވި ދުވަހު، ސައިފްއާ ފުރަތަމަ ބައްދަލުވި ދުވަހުގެ ހަނދާންއާ ކުރުވި ކަމަށާއި އޭރުއްސުރެ އެ އާއިލާއާ އެކު އޮންނަ އެކުވެރިކަމުގެ ގުޅުން ވަރަށް ވަރުގަދަ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ސައިފް އާއި އަމްރީތާ އަކީ އިންޑިއާގެ ސިނަމާ ދުށް އެންމެ މަގުބޫލު ފިލްމީތަރިން ކަމަށާއި ދެ މީހުންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ ސާރާ އާއި އިބްރާހީމް އަކީ ވެސް ގުދުރަތީ ގޮތުން އެކްޓް ކުރުމުގެ ހުނަރު ލިބިފައިވާ ޒުވާނުންކަން ކަރަން ވަނީ ފާހަގަކޮށްފައެވެ.
އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ތައާރަފު ކުރާނީ ދަރުމާއިން ކަމަށް ބުނެފައި ވިޔަސް އެ ފިލްމާ ގުޅޭގޮތުން ކަރަން އެއްވެސް ތަފުސީލެއް ދީފައެއް ނުވެއެވެ.
އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމަކީ "ސަރުޒަމީން"ގެ ނަމުގައި އުފައްދާ ފިލްމެއް ކަމަށް މީގެކުރިން މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގައި އިބްރާހީމް އަސްކަރީ އޮފިސަރެއްގެ ރޯލްއިން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފައި ވާއިރު ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ބަތަލާ ކާޖޮލް ފެންނާނެއެވެ. ނަމަވެސް ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދޭނެ ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
އިބްރާހީމް އަދި ބަތަލާ ސާރާ އަލީ ޚާން އަކީ ސައިފް އާއި އަމްރީތާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ހަމަ އެކަނި ދެ ކުދިންނެވެ. ސައިފް އާއި މިހާރުގެ އަންހެނުން، ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ.