ޗައިނާގެ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް ފާގަތިކަމާއި، ރަނގަޅު ސިއްހަތަކާއި، އުފާވެރިކަން ގެނެސްދޭ އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޗައިނާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވީ ޗައިނާއާއެކު އޮތް ގާތް އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަން ދިވެހިރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ.
އަދި ދެ ގައުމު ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ދެ ގައުމުގެ ދެމެދު ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ވަރުގަދަ ޕާޓްނަޝިޕެއް ބިނާކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އާ އަހަރަށް މަރުހަބާ ކިޔާއިރު، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމަށް ވެސް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޗައިނާގެ އައު އަހަރު ފާހަގަކުރުމުގެ އުފާވެރި މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ގައުމުގެ ރަހުމަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ބައިނަލްއަގްވާމީ ގިނަ މީޑިއާތަކުން ވަނީ އެއީ 'ޕްރޯ ޗައިނާ' ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އެ އަޑުތައް ގަދަވެގެން ދިޔައީ، ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، އެހެން ވެރިންނާ ޚިލާފަށް އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމުންނެވެ.
އެ ދަތުރުފުޅުގައި މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ތަރައްގީކުރުން ހިމެނޭ ގޮތަށް ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
ހަމައެއާއެކު ރާއްޖެއިން ޗައިނާއާއެކު ހަދައިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ.
ނަމަވެސް އެކަމަށް އިންކާރު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވަނީ އެމަނިކުފާނަކީ، 'ޕްރޯ މޯލްޑިވްސް' ސިޔާސަތުގެ ބޭފުޅެއް ކަމަށެވެ.