ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.
ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުމަށް ޓަކައި އެ ގައުމުގެ ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
އެ ގޮތުން މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް، ޑރ. އަމްޒަތު އަހްމަދު ބައިވެރިވެ ވަޑައިގަތެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
އެއަށް އަނެއްކާ އަމަލުކުރަން ފެށީ މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވާނީ ކުދި ވިޔަފާރިވެރިންނަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.