މައިކަލް ބީ ޖޯޑަންގެ ވެމްޕަޔާ ފިލްމު އޭޕްރިލް މަހުގައި

ހޮލީވުޑްގެ މަގުބޫލު އެކްޓަރު މައިކަލް ބީ ޖޯޑަން ލީޑުން ފެންނަ ވެމްޕަޔާ ފެންޓެސީ ބިރުވެރި ފިލްމު "ސިނާސް" އަންނަ އޭޕްރިލްގައި ނެރުމަށް ތައްޔާރުވެއްޖެއެވެ.

ޖޯޑަން ޑަބަލް ރޯލު ކުޅޭ މި ފިލްމަކީ ގިނަ ދުވަސްތަކަކަށް ފަހު ސިނަމާއަށް އަނެއްކާ ވެމްޕަޔާ ތީމު ގެނެސްދޭނެ ފިލްމެކެވެ. ވެމްޕަޔާ ތީމުގެ ފިލްމުތަކަކީ އާންމުކޮށް ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާ ފިލްމުތަކެކެވެ.

އެގޮތުން "ޓްވައިލައިޓް" އާއި "އަންޑަވޯލްޑް" އަދި "ބްލޭޑް" އަކީ ބޮޑެތި ފްރެންޗައިޒްތަކަށް ވެފައިވާ ވެމްޕަޔާ ތީމުގެ ސީރީޒް ފިލްމުތަކެވެ.

އަލަށް ނެރުމަށް ތައްޔާރުވާ ފިލްމު ސިނާސް އަކީ ވޯނާ ބްރޮސް (ޑަބްލިއުބީ)އިން ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ 1900ގެ ކުރީކޮޅުގެ ވަގުތަކަށް ސެޓު ކޮށް ކުޅެފައިވާ މަންޒަރުތަކެކެވެ.

މައިކަލް ބީ ޖޯޑަން ކުޅޭނީ އެލައިޖާ ސްމޯކްސް އަދި އޭނާގެ އެއްމާބަނޑު ކޮއްކޮ އެލާޔަސް ސްމޯކްސްގެ ރޯލެވެ.

ދެ މީހުން ބޮޑު އަވަށެއްގައި ދިރިއުޅެމުން އެ އަވަށުން ދަނީ ބައެއްގެ ފަރާތުން ފިލުމަށެވެ. ދެ މީހުން އެނބުރި އަމިއްލަ އަވަށަށް ދާއިރު ކުރީގެ އެކުވެރިންނާއި ގާތްތިމާގެ މީހުންނާ ދިމާވެއެވެ. ނަމަވެސް އެ އަވަށަށް އާ ބަޔަކު ވެސް އައިސް އުޅެއެވެ.

މިއީ މި މީހުން މަރާލުމަށް އުޅޭ ވެމްޕަޔާތަކެކެވެ. މި ފިލްމުގައި ފެނިގެންދާނީ މި ވެމްޕަޔާތަކުން ސަލާމަތްވާ މަސައްކަތްކުރާ ތަނެވެ. އަދި އަވަށަށް އަލަށް އައިސްގެން އުޅޭ ބައެއްގެ ހަގީގަތް ހޯދުމަށް ފިލްމުގައި މަސައްކަތް ކުރާނެއެވެ.

އޭޕްރިލް މަހުގެ 18ގައި ފިލްމު ސިނަމާތަކަށް ދޫކޮށްލާނެއެވެ. ފިލްމުގެ ތަފާތު އެކި ޓްރެއިލާތައް މިހާރު ވަނީ އާންމުކޮށްފައެވެ.

މި ފިލްމުގައި މައިކަލް ބީ ޖޯޑަންގެ އިތުރުން މުހިއްމު ރޯލުތަކުން ފެނިގެންދާނީ ހެއިލީ ސްޓައިންފީލްޑް (ސްޕައިޑާމޭން މައިލްސް މޮރާލެސް)، އާއި ވުންމީ މުސާކޫ (ހިސް ހައުސް) އާއި ލީ ޖުން ލީ (ބެބިލޯން)އެވެ.

ސިނާސް ޑައިރެކްޓު ކޮށްފައިވަނީ ރާޔަން ކޫގްލާ (ބްލެކް ޕެންތާ، ކްރީޑް)އެވެ.

comment ކޮމެންޓް