ސަރުކާރުގެ ތަސައްވުރަކީ ހއ އަދި ހދ ފަތުރުވެރިކަމަށް ފައްކާކުރުން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ފިއްލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވަނީ: ވިދާޅުވީ ސަރުކާރުގެ ތަސައްވުރަކީ ހއ އަދި ހދ ފަތުރުވެރިކަމަށް ފައްކާކުރުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ އިގްތިސޯދީ ތަރައްގީގެ ޕްލޭންގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅަކީ ފަތުރުވެރިކަމަށް ފައްކާވެފައިވާ ރަށްތަކަކަށް ހެދުމަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ފިއްލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައެވެ.

އެމަނިކުފާނު ވިދާޅުވީ ހދ. ހަނިމަދޫގައި ވަރަށް ބޮޑު އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް މިހާރު ނިމެމުންދާކަމަށެވެ. އެ އެއާޕޯޓު 'ފީސިބަލް' ކުރުމަށްޓަކައި ހއ. އަދި ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިކަން ހިމެނޭގޮތަށް އެހެނިހެން އިގްތިސޯދުތަކުން ވެސް ގިނައިން ފުރުސަތުތައް ލިބޭގޮތަށް ފަހިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ ތަރައްގީގެ ޕްލޭންގައި ހއ. އަދި ހދ. އަތޮޅު ރޭވިފައި ވަނީ ފަތުރުވެރިކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަމަށެވެ.

އޭގެ ތެރެއިން ވެސް ފިއްލަދޫ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ފިއްލަދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"މި އަތޮޅުގެ އަދި މި ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް، ހަމައެކަނި މި ރަށުގެ ރައްޔިތުންނަކަށް ނޫން، ހުރިހާ ރައްޔިތުންނަށް ވެސް ގިނަ ގުނަ ފައިދާތަކެއް ވާނެ ދެމެހެއްޓެނިވި އަދި ދުރު ރާސްތާގެ ތަރައްގީގެ ވިސްނުމުގައި މި ރަށުގަ އިގްތިސޯދީ ތަރައްގީގެ ފުރުސަތުތައް ފަހިކުރެވިއްޖިއްޔާ،" ފިއްލަދޫގެ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ފިއްލަދޫއަކީ ބިން ބޮޑު ރަށަކަށްވާއިރު، އެ ރަށުގެ މަގުތައް މިހާރުވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސޯދީ ކަންކަން ކުރިއަރުވާނަމަ އެ ރަށުގައި ޒަމާނީ ފެންވަރެއްގެ މަގުތަކެއް ހުރުން މުހިންމު ކަމަށާއި އެންމެ އިސްކަމެއްދީގެން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ރަށުގައި މިހާރު ދޫކޮށްފައިވާ އަދި ދޫކުރުމަށް އެގްރިމަންޓް ހެދުމުގެ މަރުހަލާގަ ހުރި ބިންތައް، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، އެ ތަންތަން ހެދޭނެ ގޮތް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އާންމުންކޮށް ލޯނު ނަގައިގެން އެ ބިންތައް ތަރައްގީކުރުމަށް މިހާރު އޮތް ފުރުސަތުތަކާއެކު ތަރައްގީކުރެވޭލެއް ލަސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާންމުކޮށް އެފަދަ ކޮމާޝަލް ޕްރޮޖެކްޓްތަކަށް ލޯނު ދޫކުރާ އުސޫލާ ޚިލާފަށް އިންޓަރެސްޓް ރޭޓް ކުޑަކޮށް ލޯނު ދޫކުރާނެ ކަމަށެވެ. އޭރުން އެ ބިންތައް އަވަސް ގޮތަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ސަރުކާރުން މިހާރު އިސްނަގައިގެން ފިނޭންސް މިނިސްޓްރީން ބީއެމްއެލްއާ އެކީގަ، މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމާ ހަމައަށް ގޮސްފައިވަނީ. ކައުންސިލްގެ ފަރާތުން ކުއްޔަށް ނަގާ ބިންތަކަށް ވަރަށް ފަހިވެގެންދާނެ ފުރުސަތަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.

ފިއްލަދޫގައި މިއަދު އައު ކައުންސިލްގެ އިމާރާތެއް އެޅުމަށްޓަކައި ބިންގާ އަޅަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފިއްލަދޫގައި މިއަދު ވަނީ އައު ކައުންސިލްގެ އިމާރާތެއް އެޅުމަށްޓަކައި ބިންގާ އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާއި، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.

comment ކޮމެންޓް