ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށުގެ ކުޑަކުދިން ދޭ ނޯޓުތަކާއި، ރައްޔިތުން އެދިލައްވާ ކަންތައްތައް ކުރައްވަން ވިދާޅުވަނީ ކަމުގެ މަޝްވަރާތައްކޮށް، އެކަމުގެ ޕްލޭނާ ވެސް އެކުގައި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވާހަކަފުޅުދެއްކެވިއިރު، އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން ގިނަ އަދަދަކަށް ކުޑަކުދިންނާއި މީހުންގެ ފަރާތުން އެ ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އެދެމުންދެއެވެ. އެއާއެކު ރައީސް ވިދާޅުވަނީ އެކަންކަން ކޮށްދެއްވާނެ ވާހަކަފުޅެވެ.
ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް މިހާރު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ ހއ. މުރައިދޫއަށެެވެ.
އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހާލަތު ގާތުން ބަލައި، އިތުރަށް މަޝްވަރާކޮށް، އޮޅުންފިލުވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގެ ނިޔަތުގައި ކަމަށެވެ.
އަދި އެކަންކަން ކުރެވޭނެ ގޮތްތައް ވެސް ސަރުކާރުން ވަރަށް ސާފުކޮށް ހާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، މުރައިދޫއަށް ވަޑައިގެންނެވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ނަމަވެސް ބައެއް މީހުން، އެމަނިކުފާނު ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވަނީ އެއްވެސް މަޝްވަރާއަކާއި ޕްލޭނެއް ނެތި ކަމަށް ވިދާޅުވާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މިހެން މި ދަންނަވާލި ސަބަބަކީ އަޅުގަނޑު މިގޮތަށް ރަށްރަށަށް، ރައްޔިތުންގެ ގާތަށް ދިޔުމުން ރައްޔިތުން ވިދާޅުވެލައްވާ ކަންކަން ސަރުކާރުން ކޮށްދޭނެކަމަށް، އަދި ކޮށްދޭނެ ގޮތް އަޅުގަނޑު މިގޮތަށް ދަންނަވަމުން ގެންދާތީ، ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަދައްކާ. އެއްވެސް ޕްލޭނެއް ނެތި، ނޫނިއްޔާ ބަޖެޓު ނެތި އަޅުގަނޑުމެން ކަންކަން ކުރާނެ ވާހަކަ ދައްކަނީއޭ،" ރައީސް ވިދާޅުވިއެވެ.
"ނޫން. އެހެނެއް ނޫން. ވަރަށް ސާފުކޮށް ސަރުކާރުގެ ކަންކަން އަޅުގަނޑު އަބަދުވެސް ހާމަކުރަން. ކެމްޕޭނުގައި ވީ ވައުދުތައް އެވަނީ ފޮތެއްގައި ލިޔެފައި. ސާފުކޮށް ފެންނަން އެ އޮތީ. ސަރުކާރުގެ ކަންކަން ތަރުތީބުކުރެވިގެންދާ ގޮތް ވަރަށް ސާފުކޮށް އެކި ބައްދަލުވުންތަކުގައި އަދި ލިޔެކިޔުމުން ހާމަކުރަން،" ފާޑުކިޔުންތަކަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު، މުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އަހަރުތެރޭ ސަރުކާރުން ބޭނުންވި ބާރު މިނުގައި މަޝްރޫއުތައް ކުރިއަށް ނުދިޔަ ސަބަބުތައް ވެސް ވަރަށް ސާފުކޮށް ކިޔައިދެވިއްޖެ ކަމަށާއި އެއީ އިގްތިސޯދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓު އޮތީ އެއްވެސް ރަށަކަށް ކަންކަން ފަހިވާގޮތަކަށް ނޫން ކަމުން މަޝްރޫއުތައް ނުހިނގާ އޮތީ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއަހަރަކީ އަލުން އެ މަސައްކަތްތައް ހިނގައިގަނެ، އަވަސް ސްޕީޑުގައި ނިންމުމަށް އަމާޒު ހިފާނެ އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުރައިދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ބިންގާ އަޅަނީ -- ފޮޓޯ/ ރައީސް އޮފީސް
މުރައިދޫއަށް ވަޑައިގެން މިއަދު ވަނީ އެ ރަށުގައި އެޅުމަށް ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި ހަމައެއާއެކު އެ ރަށުގައި ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މީގެ އިތުރުން އެ ރަށުގައި އޭޓީއެމްއެއް އެޅުމަށް ގައުމީ ބޭންކު، ބީއެމްއެލްއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާދާބީ މަދު ކުދިކުދި ރަށްރަށަށް ވަޑައިގެން ބޮޑެތި ވައުދުތައް ވެލައްވާއިރު ސަރުކާރުގެ އަމާޒާއި މަސައްކަތް ކުރައްވާ ގޮތާ ދިމައިނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރައީސްގެ ސިޔާސަތަކީ އާބާދީ މަދު ކުދި ރަށްރަށުން ބޮޑެތި ރަށްތަކަށް މީހުން ހިޖުރަކުރާނެ މަގުފަހިކޮށް، އާބާދީ އެއްފަސް ތަރައްގީގެ ސިޔާސަތެކެވެ.