މަރުގެ އިންޒާރު ލިބުނު ނަމަވެސް ކަޕިލް އަނބުރާ ފިލްމީ މަސައްކަތަށް

އިންޑިއާގެ ކޮމީޑިއަން/އެކްޓަރު ކަޕިލް ޝަރުމާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދާދިފަހުން އީމެއިލް މެދުވެރިކޮށް މަރުގެ އިންޒާރު ލިބުނު އިންޑިއާގެ ކޮމީޑިއަން/އެކްޓަރު ކަޕިލް ޝަރުމާ ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ"ގެ ސީކުއަލްގެ މަސައްކަތް ފަށައިފިއެވެ.

މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންގް ފަށާފައި ވަނީ މުމްބާއީގައެވެ.

ކަޕިލްއަށް މަރުގެ އިންޒާރު ދިން އީމެއިލްގައި ބުނެފައި ވަނީ ކަޕިލްގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ އީމެއިލް ލިބޭތާ އަށް ގަޑިއިރުތެރޭ ޖަވާބު ނުދީފި ނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.

މި މައްސަލަ މުމްބާއީގެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް ކަމާއެކު ފުލުހުން ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލެޖެންޑަރީ ފިލްމު ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މުސްތާންގެ ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ" އަކީ 2015 ވަނަ އަހަރު ރިލީޒްވި ފިލްމެކެވެ. މިއީ ކަޕިލް ބޮލީވުޑަށް ތައާރަފުވި ފިލްމުވެސްމެއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ހެއްވާ މަޖާ މި ފިލްމަށް ފަހު ކަޕިލްއަށް ބޮލީވުޑްގެ އެހެން ފިލްމުތަކުން ވެސް ވަނީ ފުރުސަތު ލިބިފައެވެ. އޭގެތެރޭގައި "ފިރަންގީ"، "ޒުވިއާޓޯ" އަދި "ކްރޫ" ހިމެނެއެވެ.

ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ކަޕިލްގެ އިތުރުން އެކްޓަރު އަރުބާޒް ޚާން މުހިއްމު ރޯލް ކުޅުނު 2015ވަނަ އަހަރުގެ ފިލްމުން ހަތަރު ބަތަލާއިން ފެނުނެވެ. ނަމަވެސް މި ފިލްމުގެ ސީކުއަލްއިން ކަޕިލްއާ އެކު ދެން ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ކަޕިލް އަކީ އިންޑިއާގެ އިތުރުން ބޭރުގެ ވަރަށް ގިނަ ޤައުމުތަކުގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. އިންޑިއަން ޓެލެވިޒަން އެކަޑެމީ އެވޯޑްސް ފަސް ފަހަރަށް ލިބިފައިވާ ކުޅަދާނަ ކޮމީޑިއަންގެ ޝޯ މިހާރު ގެނެސްދެނީ ނެޓްފްލިކްސް މެދުވެރިކޮށެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ނަމުގައި މިދިޔަ އަހަރުގެ މާޗް މަހު ގެނެސްދޭން ފެށި މި ޝޯގެ ދެ ސީޒަން މިހާތަނަށް ވަނީ ސްޓްރީމްކޮށްފައެވެ.

comment ކޮމެންޓް