އާމިރު ޚާންގެ ފިލްމު 'ސިތާރޭ ޒަމީން ޕަރް' ޑިސެމްބަރު މަހު

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ފިލްމީ ތަރި އާމިރު ޚާން މަސައްކަތް ފަށާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު" މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްޓަރު ބުނެފިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ގުޖުރާތުގައި ކުރިއަށްދިޔަ ހަފްލާއެއްގައި ފިލްމު "ސިތާރޭ ޒަމީން ޕަރް"އާ ބެހޭގޮތުން އެކްޓަރު ވަނީ ވާހަކަ ދައްކާފައެވެ.

މި ފިލްމުގެ ކްލައިމެކްސްގެ ޝޫޓިންގް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ގުޖްރާތު ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ވަދޯދާރާގައެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރް" އަކީ ދުވަސްކޮޅަކަށް އާމިރު އެކްޓިންއަށް ދުރަށްދިޔަކަން އިއުލާނުކުރި ފަހުން ލީޑް ރޯލް ކުޅޭ ފުރަތަމަ ފިލްމެވެ.

ބަތަލާ ޖެނީލިއާ އަދި އެކްޓަރު އާމިރު ޚާން-- ފޮޓޯ/ ޕީޕިންގްމޫން

ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލްގެ ގޮތުގައި އުފައްދާ "ސިތާރޭ ޒަމީން ޕަރް" އެންމެ ފުރަތަމަ ބޭނުންވީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމަށް ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން ކާމިޔާބު ނުކުރެވުނު ކަމަށް އާމިރު ވަނީ ބުނެފައެވެ.

އެހެންވެ މިހާރު ގަސްތު ކުރަނީ މި އަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރާ ކްރިސްމަސް ބަންދާ ދިމާކޮށް ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރު ޚާންގެ އިތުރުން ބަތަލާ ޖެނީލިއާ ދޭޝްމުކް އަދި ދަރުޝީލް ސަފާރީ މުހިއްމު ރޯލް ކުޅޭ "ސިތާރޭ ޒަމީން ޕަރް"އަކީ ބެލުންތެރިން މުނިފޫހިފިލުވައި ދޭނެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ދަރުޝީލަކީ އާމިރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ތާރޭ ޒަމީން ޕަރް"ގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅުނު އެކްޓަރެވެ.

މިއީ 2007 ވަނަ އަހަރު ގެނެސްދިން "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލް އަކަށް ވިޔަސް ފިލްމު ބިނާކޮށްފައިވާނީ މުޅިން އާ ތީމަކާއި ޕްލޮޓަކަށް ކަމަށް އާމިރު ވަނީ ބުނެފައެވެ.

comment ކޮމެންޓް