ބަތަލާ ނުޝްރަތުގެ ބަކެޓް ލިސްޓުގައި ފާހަގަ ޖަހައިދިނީ އަނޫރާގުގެ ފިލްމަކުން

ބަތަލާ ނުޝްރަތު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ވަރަށް ތަފާތު ޖޯންރާތަކަށް ފިލްމު އުފައްދާ ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕްގެ ފިލްމަކުން ބަތަލާ ނުޝްރަތަށް ފުރުސަތު ލިބިއްޖެއެވެ.

ނުޝްރަތު ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ މި ފިލްމަކީ، އަނޫރާގު ޕްރޮޑިއުސްކޮށް އަކްޝަތު އަޖޭ ޝާރުމާ ޑައިރެކްޓްކުރާ ވަރަށް ވަރުގަދަ ތުރިލާއެކެވެ.

އަނޫރާގު ޕްރޮޑިއުސްކުރާ ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި ގެންގުޅޭ ބަކެޓް ލިސްޓުގައި މިހާރު އެކަން ފާހަގަކުރެވިއްޖެ ކަމަށް ނުޝްރަތު ވަނީ ބުނެފައެވެ.

ހާއްސަކޮށް އަނޫރާގު ޕްރޮޑިއުސްކުރާ ތުރިލާ އަކުން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަށްވުން ކަހަލަ ކަމެއް ކަމަށާއި މިއީ ކެރިއަރުގައި ވަރަށް ބޮޑަށް ހާސިލުކުރަން ބޭނުންވި ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ނުޝްރަތު ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަނޫރާގު، ވިޝަލް ރާނާ އަދި އަކްޝަތުއާ އެކީ މިއީ ނުޝްރަތު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. ބަތަލާ ނުޝްރަތު ފިލްމަށް ގެނައުމާ ގުޅޭގޮތުން އަނޫރާގު ބުނެފައި ވަނީ މިހާތަނަށް ނުޝްރަތު ކުޅެފައިވާ ގިނަ ފިލްމުތައް އޭނާ ބަލާފައިވާ ކަމަށާއި ނުޝްރަތަކީ ވަރަށް ހުނަރުވެރި ބަތާލައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިހާތަނަށް ނުޝްރަތާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ނެތީ ބަތަލާއަށް އެކަށީގެންވާ ރޯލެއް ހިމެނޭ ސްކްރިޕްޓެއް ނެތުމުން ކަމަށާއި ނަމަވެސް އެ ހުވަފެނުގައި ކުލަޖެހެން ދެން މާގިނަ ދުވަހެއް ނެތް ކަމަށް ކާމިޔާބު ވެބް ސީރީސް "ސޭކްރެޑް ގޭމްސް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަކެއްލީ"އެވެ. ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗޯރީ 2" އާއި "ބަން ޓިއްކީ" ހިމެނެއެވެ.

comment ކޮމެންޓް