ތިނަދޫ ސިޓީ ކައުންސިލް އިދާރާއިން ވައްކަންކޮށްފައިވާ ކަމަށް އެ ކައުންސިލުން ކުރާ ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް އެ ކޮމިޝަނުން ވަނުމުން އެއީ ވަގުންގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ ކައުންސިލުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދެމުން ދަނިކޮށް، އޭނާ ރަށުގައި ނެތް ވަގުތެއްގައި މައުލޫމާތު ސާފުކުރަން އޭސީސީގެ ނަމުގައި ތިން މީހަކު އައި ކަމަށެވެ.
ސައުދު ވިދާޅުވީ، އެ މީހުން ބޭނުންވާ މާއުލޫމާތު އަނެއް ދުވަހުގެ މެންދުރު 2:30ގައި ހިއްސާކުރާނެ ކަމަށް އޭސީސީއަށް ލިޔުމުން އަންގާފައިވަނިކޮށް، ރަސްމީ ގަޑީގައި އޮފީހަށް ތިން މީހަކު ވަތް ކަމަށެވެ.
ރަސްމީ ގަޑީގައި އޮފީހުގައި މުވައްޒަފުން ނެތް ވަގުތު ބަލައި، ލިޔެކިޔުންތައް ނަގައިގެން ފިލީ ކަމަށާއި އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ފޮނުވައިގެން އޭސީސީގެ ނަމުގައި އައި ބަޔެއް ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.