އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް އެ ކޮމިޝަނުން ވަނުމުން އެއީ ވަގުންގެ ގޮތުގައި ކައުންސިލުން ސިފަކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދެމުން ދަނިކޮށް، އޭނާ ރަށުގައި ނެތް ވަގުތެއްގައި މައުލޫމާތު ސާފުކުރަން އޭސީސީގެ ނަމުގައި ތިން މީހަކު އައި ކަމަށެވެ.
ސައުދު ވިދާޅުވީ، އެމީހުން ބޭނުންވާ މާއުލޫމާތު އަނެއް ދުވަހުގެ މެންދުރު 2:30ގައި ހިއްސާކުރާނެ ކަމަށް އޭސީސީއަށް ލިޔުމުން އަންގާފައިވަނިކޮށް، ރަސްމީ ގަޑީގައި އޮފީހަށް ތިން މީހަކު ވަތް ކަމަށެވެ.
އަދި ރަސްމީ ގަޑީގައި އޮފީހުގައި މުވައްޒަފުން ނެތް ވަގުތު ބަލައި، ލިޔެކިޔުންތައް ނަގައިގެން ފިލީ ކަމަށާއި އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ފޮނުވައިގެން އޭސީސީގެ ނަމުގައި އައި ބަޔެއް ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.
"[އޭސީސީގެ ނަމުގައި އައި] ތިން ކުދިން އޮފީހުން ނެރުމަށް އަޅުގަނޑުމެން ފުލުހުންނަށް ވެސް އިންފޯމްކޮށްފައިވާނެ. އެކަމަކު، ވެސް އޮފީހުން ނުނިކުމެ ތިބެފައި، އޮފީސް ކުދިން ނެތް ގަޑި ބަލާފައި އޮފީސް ތެރެ ލޫޓުވާލައިގެން ފިލައިފި" މޭޔަރު ވިދާޅުވިއެވެ.
ވައްކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި ވަގުތު ކައުންސިލް އިދާރާގައި ފުލުހުން ހަރަކާތްތެރިވާތީ ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް މެދުކެނޑިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި މިހާތަނަށް އޭސީސީގެ ބަހެއް ލިބިފައި ނުވާތީ، އިތުރު ތަފުސީލެއް އެނގިފައެއް ނުވެއެވެ.
މި ފަހުން ވަނީ ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ހަރުކޮށްފައިވާ މޮނިއުމަންޓެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އޭސީސީއަށް ހުށަހަޅާފައެވެ.