ވޮޝިންޓަން (26 ޖަނަވަރީ 2025) : ނޭޓޯ އަސްކަރީ ޖަމާއަތެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމެރިކާ މާބޮޑު ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި އެއީ ދެމެހެއްޓެވި ގޮތެއްގައި ކުރެވޭނެ ޚަރަދުތަކެއް ނޫންކަމަށް ވިދާޅުވެ ނޭޓޯއަކީ މާލީ ބުރައެއްކަން ދޭހަވާގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ނޭޓޯ ދެމެހެއްޓުމަށްޓަކައި އެ ޖަމާއަތުގައި ހިމެނޭ އެމެރިކާ ނޫން ގައުމުތަކުން ކުރާ ހޭދަ ބޮޑުކުރަންޖެހޭ ކަމުގައެވެ. މިގޮތުން ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކާ އަދި ކެނެޑާއިން އެ ގައުމުތަކުގެ އަސްކަރީ ބަޖެޓުގެ މަދުވެގެން 2.5 އިންސައްތަ ނޫނީ ދެ އިންސައްތައާއި ހަ އިންސައްތައާ ދެމެދުގެ ވިންވަރެއްގެ ޚަރަދު ނޭޓޯއަށް ނުކުރާނަމަ މުސްތަގްބަލްގައި ނޭޓޯ ދެމިއޮންނާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ ކޭންޕެއިންގައި ނޭޓޯގެ މެމްބަރު ގައުމުތައް ދިފާއުކުރުމަށް އެ ގައުމުތަކުން ކުރާ ޚަރަދަށްވުރެ ވުރެ ބޮޑު ޚަރަދެއް އެމެރިކާ ކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. ނޭޓޯއަކީ އެމެރިކާއަށް ޖެހިފައިވާ ބުރައެއް ކަމަށްވެސް ރިޔާސީ ކޭންޕެއިންގެ ދުވަސްވަރު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެ ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމަ ނޭޓޯއަށް އެމެރިކާއިން ކުރާ ޚަރަދު ވަރަށް ބޮޑުތަން މަދުކޮށްލާނެއެވެ. ނޭޓޯގެ އެހެން ގައުމުތަކުން އެ ޖަމާއަތަށް ކުރާ ޚަރަދު ބޮޑުކޮށް އެމެރިކާއަށް މާލީގޮތުން ލުއިވާގޮތަށް އެ ގައުމުތަކުން އަމަލު ނުކޮށްފިނަމަ އެމެރިކާ ނޭޓޯއިން ވަކިވާންޖެހިދާނެ ކަމުގެ އިންޒާރުވެސް އެ ދުވަސްވަރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މާލީ ފައިދާ ނެތް ކަމެއް އޭނާގެ ވެރިކަމުގައި ނުކުރައްވާނެ ކަމުގައެވެ. ޓްރަމްޕްގެ ބަޔާނުގައި ނޭޓޯ ގައުމުތަކުން ޔުކްރޭނަށް ދޭ އެހީގެ ބޮޑުބައި ދެންޖެހެނީ ޔޫރަޕުންކަމަށްވެސް ވިދާޅުވެ އެމެރިކާ ޔުކްރޭނަށް އެހީވުމަށް ކުރާ ބޮޑެތި ޚަރަދުތައް ހުއްޓާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓްރަމްޕްވަނީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 24 ގަޑީއިރު ތެރޭގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރުމުގައި ޓްރަމްޕް ވަނީ މުޅިން ނާކާމިޔާބުވެވަޑައިގެންފައެވެ. ޓްރަމްޕްގެ އިންޒާރުތަކަށް ރަޝިއާވެސް އަދި ޔުކްރެއިންވެސް ބޯލަނބާފައެއް ނުވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒިރު މާކޯ ރޫބިއޯ އިއްޔެ ވިދާޅުވިގޮތުގައި އެމެރިކާ މިހާރުވަނީ ޔުކްރެއިނަށް ދެމުން ގެންދިޔަ އެހީތައް 90 ދުވަހުގެ މުއްދަތަށް ހުއްޓާލާފައެވެ. މިއީ އެމެރިކާ ޔުކްރެއިންއަށާއި އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ދެމުންގެންދާ މާލީ އެހީތައް އޮޑިޓްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން ހުއްޓާލި ހުއްޓާލުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ނުވަ ދިހަ ދުވަހަށްފަހު، އެހީ ދިނުމުގެ ކަންތައް އެމެރިކާއިން އަލުން ފަށާނީ އޮޑިޓްގެ ނަތީޖާއަށް ބެލުމަށްފަހު އައު ސިޔާސަތެއްގެ ދަށުންކަމަށްވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ރޭވުމަކީ ޔުކްރެއިން ހަނގުރާމައަށް ކުރަންޖެހޭ ޚަރަދުން އެމެރިކާ ބޯދަމައިގަތުމެވެ. އަދި ޔުކްރެއިނަށް ދޭންޖެހޭ އަސްކަރީ އަދި އިގްތިސާދީ އެހީތަކުގެ ޒިންމާ ޔޫރަޕްގެ ގައުމުތަކުގެ ބޮލުގައި އެޅުވުމެވެ. މީގެއިތުުރުން ނޭޓޯއަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައިވެސް ޔޫރަޕްގެ ގައުމުތައް ލައްވައި ކުރުވުމެވެ.