ސޯނޫ އުޅެނީ ގެ ތަޅުނުލައި، ދޮރު ވެސް ހުޅުވައިގެން

ފިލްމީ ތަރި ސޯނޫ ސޫދު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި މަހު 10 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ފަތޭ"ގެ އެކްޓަރު ސޯނޫ ދިރިއުޅޭ ގެއަކީ އާންމުކޮށް ވެސް ތަޅުލުމެއް ނެތި އާންމުންނަށް ހުޅުވާލާފައިވާ ތަނެއް ކަމަށް އެކްޓަރު ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ، ގޭގެ ދޮރުތައް ތަޅުލާފައި ބެހެއްޓުމަކީ އެކްޓަރުގެ އާއިލާއިން ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.

ސޯނޫ ދިރިއުޅޭ ގޭގައި ހުންނަ އަލަމާރި ފަދަ ތަކެއްޗަކީ ވެސް ތަޅެއް ހުންނަ ތަކެތި ނޫން ކަމަށާއި އެއީ ޒަމާނުއްސުރެ އާއިލާ ތެރޭގައި އެންމެން ވެސް ތަބާވާ ހަރުދަނާ އުސޫލާ ގަވާއިދެއް ކަމަށް ސޯނޫ ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ހެނދުނު ހޭލުމަށް ފަހު ސޯނޫ ދިރިއުޅޭ ގޭގެ ގޭޓު ހުޅުވާފައި ބެހެއްޓުމަކީ އެކްޓަރުގެ އާދައެއް ކަމަށާއި އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެހީއަށް އެދި ނުވަތަ ކަމެއް ބޭނުންވެގެން އަންނަ ބަޔަކަށް ފަސޭހަކަމާ އެކު އެ ގެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެކްޓަރު ބުނެފައިވެއެވެ.

ސޯނޫ އެންމެފަހުން ކުޅުނު ފިލްމު "ފަތޭ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ކެމެރާ ކުރިމަތީގައި އެތައް ބަޔަކަށް ހާމަކަން ބޮޑު ގޮތެއްގައި އެގޮތަށް ވާހަކަދައްކަން އެއްވެސް ޖެހިލުމެއްނުވާ ކަމަށް ބުނެ ސޯނޫ ބުނީ, އެއްވެސް ބައެއްގެ ފަރާތުން އެކްޓަރަށް ނުރައްކަލެއް އޮންނާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

ސޯނޫއަކީ އިންޑިއާގައި ހާލުގައި ޖެހި އެހީއަށް އެދޭ ވަރަށް ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ބަޔަކު ނަމޫނާއަކަށް ބަލައި އެކްޓަރެކެވެ.

ޚާއްސަކޮށް އިންޑިއާގެ ފަޤީރު އަވަށްތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ސޯނޫއަށް ލިބުނީ ކޮވިޑް ދުވަސްވަރު ހާލުގައި ޖެހި އެހީއަށް އެދުނު ގިނަ ބަޔަކަށް އެކްޓަރު އެހީވުމާ ގުޅިގެންނެވެ.

މީގެ ހަތަރު އަހަރު ކުރިން އިންޑިއާގެ އިންކަމް ޓެކްސް އޮފިސަރުން ސޯނޫ ދިރިއުޅޭ ގެ ރެއިޑްކުރަން ދިޔައިރު ވެސް ގޭގެ އެއްވެސް ތަނެއްގައި ތަޅެއް ހަރުކޮށްފައި ނެތުމުން އެ އޮފިސަރުންނަށް ވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އިންކަމް ޓެކްސް އޮފިސަރުން އެ އަހަރު ސޯނޫ ދިރިއުޅޭ ގެ ރެއިޑްކޮށްފައިވަނީ ސޯނޫގެ ނަމުގައި ހިންގި ކުންފުންޏަކަށް ލިބުނު ފައިސާއާ ގުޅިގެންނެވެ.

ނަމަވެސް, އެ ފައިސާ އަކީ ސޯނޫ މަސައްކަތްކޮށްގެން ހޯދި ހަލާލު ފައިސާ ކަމަށާއި އިންކަމް ޓެކްސް އޮފީހަށް ސޯނޫއާ އިދިކޮޅަށް އެއްވެސް ކަހަލަ ހެއްކެއް އޭރު ހޯދިފައިނުވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

comment ކޮމެންޓް