ޝަކުވާ ލިބޭކަމަށް ވިދާޅުވެ، ސީޕީ ފުލުހުންގެ ކިބައިން އެދިލެއްވީ ޑިއުޓީ ވަގުތު ފޯނާ ނުކުޅެން

ފުލުހުން އާންމު ރައްޔިތަކާ މުއާމަލާތްކުރަނީ -- ފޮޓޯ: ފުލުހުން

ފުލުހުންގެ ޑިއުޓީ އަދައިކުރާ ވަގުތުތަކުގައި، ފުލުހުން ''ފޯނަށް ގެއްލި' ތިބޭކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ވިދާޅުވެ، ޑިއުޓީ ވަގުތު، ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނާ ނުކުޅުމަށް އެންމެހާ ފުލުހުންނަށް، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

މިރޭ އޮތް 38ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އަލަށް ޚިދުމަތަށް ނުކުންނަ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ޝުޖާއު އެދިވަޑައިގެންނެވީ، ޑިއުޓީ އަދައިކުރާ ވަގުތު ޑިއުޓީގެ ބޭނުމަށް ނޫނީ، މޮބައިލް ފޯނު ބޭނުން ނުކުރުމަށެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެންނަ ވަގުތު، ފޯނާ ކުޅެން ތިބޭކަމުގެ ޝަކުވާ ކަމަށެވެ.

"މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ތިބެނީ ފޯނަށް ގެއްލިފައޭ. މި ކަން ރަނގަޅުކުރަން އެބަޖެހޭ،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

އެއާއެކު ސީޕީ ޝުޖާއުވަނީ އުންމީދަކީ އެ ކަންކަން ރަނގަޅުކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭ ވަގުތު އެ ކަމަށް ޚާއްސަވެ ތިބުން ކަމަށް ވިދާޅުވެފައެވެ.

ދެވަނަ ކަމަކަށް ޝުޖާއު އެދިވަޑައިގެންނެވީ އަބަދު ވެސް ރައްޔިތުންނާ ރިވެތި ބަހުން މުއާމަލާތް ކުރުމަށެވެ.

"ރައްޔިތުންނާ ރިވެތި ބަހުން ވާހަކަނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ. ރައްޔިތުންނަށްވުރެ ވަކިން މާތްކޮށް ވާހަކަދައްކަން ޖެހޭ އިތުރު ބަޔަކު ނުތިބޭނެ. އުންމީދުކުރަން ފުލުހުންނަށް އަމާޒުވާ މި ނޭދެވޭ ސިފަ ތިޔަ އޮފިސަރުންގެ މަސައްކަތުން ހައްލުކޮށްދޭނެ ކަމަށް،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ތިންވަނަ ކަމަކަށް ސީޕީ ޝުޖާއުވަނީ ފުލުހުންނަށް ލިބޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބޭ ބާރެއް ނޫންކަމަށާއި، އަބަދުވެސް މަސައްކަތްކުރަންވާނީ ބާރުގެ ބޭނުން ނުކޮށް، މެދުވެރިވާ ކަންކަން ހައްލުކުރުމަށް ކަމަށް ވިދާޅުވެފައެެވެ.

އެއާއެކު ޝުޖާއު ވަނީ އަސާސީ ތަމްރީން ކޯހުން ފާސްވެ، މިރޭ ދަސްވެނިވި ހުރިހާ ފުލުހުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް