ރާއްޖެއަށް ވެސް ބިސް އިމްޕޯޓުކުރާ ތައިލެންޑުގައި ފެންބޮޑުވެ 3 މިލިއަން ކުކުޅު މަރުވެ، ބިސް އެކްސްޕޯޓް ލިމިޓްކުރަނީ

ތައިލެންޑަށް ކުރިމަތިވެފައިވާ ވިއްސާރައިގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ކުކުޅު މަރުވުމާ ގުޅިގެން، އެ ގައުމުން ބޭރުކުރާ ކުކުޅުބިހުގެ މިންވަރު %30 އާއި %50 އާ ދެމެދުގެ އަދަދަކަށް މަދުކުރުމަށް ކުންފުނިތަކުގައި އެދިއްޖެއެވެ.

ސީއެންއޭގައިވާ ގޮތުން، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބިސް ބޭރުކުރާ މިންވަރު މަދުކުރަން އަންގާފައިވަނީ، ވެރިރަށް ބެންކޮކްގެ އިރުމަތީގައި އޮންނަ ޗަޗޮއެންގްސާއޯ ޕްރޮވިންސްގެ ބިސް އުފައްދާ ފާމްތަކުގައި ފެންބޮޑުވެ، ގާތްގަނޑަކަށް ތިން މިލިއަން ކުކުޅު މަރުވުމާ ގުޅިގެންނެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް އިންޓާނަލް ޓްރޭޑްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޖިރަވުތު ސުވަންނާ-އާޖް ވިދާޅުވީ، ގައުމުގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ބިސް ހޯދުމަށް ފެނުގެ އަސަރު ނުކުރާ ސަރަޙައްދުތައް ދެނެގަތުމުގެ މަސައްކަތް އަވަސްކޮށްފައިވާ ކަމަށެވެ. އަދި ބިސް އަޅާ މިންވަރު ދެމެހެއްޓުމަށް ޓަކައި، ކުކުޅުގެ އުމުރު 80 ހަފްތާއިން 85 ހަފްތާއަށް އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ބިހުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށް ޓަކައި، ފާމްތަކުން ބިސް ވިއްކާ އަގު 4 ބާތު (0.12 ޔޫއެސް ޑޮލަރު) ގައި ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.

ތައިލެންޑުގެ އިންޓީރިއާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން އެ ގައުމުގެ 51 ޕްރޮވިންސެއްގައި ފެންބޮޑުވެ، 31 މީހުން ވަނީ މަރުވެފައެވެ. ވެރިރަށް ބެންކޮކަށް އެކަނިވެސް ތިން ދުވަސް ތެރޭ 320 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އެ ސަރަޙައްދު ވަނީ ކާރިސާގެ ހާލަތަކަށް ގެނެސްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ގައުމުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ތައިލެންޑަކީ ބައިނަލްއަގްވާމީ ބާޒާރަށް ގިނަ އަދަދަކަށް ބިސް އެކްސްޕޯޓްކުރާ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 1.7 ބިލިއަން ބާތު (50.46 މިލިއަން ޑޮލަރު) ގެ ބިސް ބޭރުކޮށްފައިވާއިރު، އޭގެ %79 ހިއްސާކުރަނީ ސިންގަޕޫރެވެ. އަދި %9 ހޮންކޮންގަށް އެކްސްޕޯޓްކޮށްފައިވެއެވެ.

އދ. ގެ ކޮމްޓްރޭޑް ޑޭޓާބޭސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖެއިން ވެސް ތައިލެންޑުން ކިރާއި، ބިސް އަދި މާމުއި ފަދަ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރެއެވެ. އެގޮތުން 2025 ވަނަ އަހަރު މި ބާވަތްތަކުން 1.47 މިލިއަން ޔޫއެސް ޑޮލަރުގެ މުދާ ރާއްޖެއިން ވަނީ އެތެރެކޮށްފައެވެ.

comment ކޮމެންޓް