ސައިފް ހޮސްޕިޓަލަށް ގެންދިޔަ ކުރޮޅި ޑްރައިވަރާ އެކްޓަރު ބައްދަލުކޮށްފި

ސައިފް ހޮސްޕިޓަލަށް ގެންދިޔަ ކުރޮޅި ޑްރައިވަރާ އެކު އެކްޓަރު ހޮސްޕިޓަލުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ފިލްމީ ތަރި ސައިފް އަލީ ޚާނަށް ދިން ހަމަލާއާ ގުޅިގެން ޒަޚަމްތަކަކާ އެކު އެކްޓަރު ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން އިންޑިއާގެ ކުރޮޅި ޑްރައިވަރާ އެކްޓަރު ބައްދަލުކޮށްފިއެވެ.

ބަޖަން ސިންގް ރާނާ ކިޔާ މި ޑްރައިވަރު އޭނާގެ ކުރޮޅީގައި ސައިފް ހޮސްޕިޓަލަށް ގެންދިޔައީ ޒަޚަމްތަކަކާ އެކު މުޅި މީހާ ލެއިން ތަތްތެޅިފައި ވަނިކޮށް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ދަރިފުޅު އިބްރާހީމްއާ އެކު ސައިފް ހޮސްޕިޓަލަށް ގެންދަން ކުރޮޅިއެއް ބޭނުންކުރީ އެވަގުތު އެކްޓަރު ހޮސްޕިޓަލަށް ގެންދެވެން އޮތް އެންމެ އަވަސްގޮތަކީ އެއީ ކަމަށްވާތީ އާއި ކާރުގައި ގެންދަން އުޅުނު ނަމަ އެކަމަށް އިތުރު ވަގުތު ނަގާނެތީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ސައިފް ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

ކުރޮޅި ޑްރައިވަރު ޓައިމްސް އޮފް އިންޑިއާއަށް މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ލެއިން ފޯވެފައި ހުރި މީހަކު ކުރޮޅިއަށް އެރުމުން އަވަސްވެގަތީ އެމީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށާއި އޭރު އެއީ ކާކުކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ބަޖަން ސިންގް ރާނާއާ ބައްދަލުކޮށް ސައިފްގެ އިތުރުން ސައިފްގެ އާއިލާގެ މެމްބަރުން ވެސް ވަނީ ވަރަށް ޚާއްސަ ޝުކުރެއް އޭނާއަށް އަދާކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުގެ ކުރިން ބޭއްވި މި ބައްދަލުވުމުގައި ސައިފް ވަނީ އެކްޓަރުގެ މަންމަ ޝަރުމިލާ ޓޭގޯރު ވެސް އޭނާއަށް ތައާރަފުކޮށްފައި ކަމަށާއި އާއިލާއިން އޭނާއަށް އިނާމެއްގެ ގޮތުގައި ދޭން ފެނުނު މިންވަރެއް ދިން ކަމަށް ކުރޮޅި ޑްރައިވަރު ބަޖަން ސިންގް ރާނާ ވަނީ ބުނެފައެވެ.

މި ޑްރައިވަރަށް އެހީއެއް ބޭނުންވެއްޖެ ކޮންމެ ވަގުތަކު ވެސް ސައިފްގެ އާއިލާއިން އޭނާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި ސައިފަށް ހަމަލާދިން ރޭ އެއްވެސް ޖެހިލުމެއް ނެތި އިންސާނިއްޔަތުކަން އޭނާ އިސްކުރީތީ ސައިފް، ބަޖަން ސިންގްއަށް ވަރަށް ބޮޑަށް ތައުރީފު ކުރި ކަމަށް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ.

ސައިފްގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ވައްކަން ކުރުމުގެ ނިޔަތުގައި ވަދެ އެކްޓަރަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ޝަރީފުލް އިސްލާމު ޝެހެޒާދު ނަމަކަށް ކިޔާ މީހަކަށެވެ.

އުމުރުން 30 އަހަރުގެ މި މީހާ މިދިޔަ އާދިއްތަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް