ވޭޕް މަނާކުރީ ވަކި ބަޔަކަށް ފައިދާ ކުރުވާކަން ނޫން، އޮތީ ހެޔޮ ނިޔަތެއް: ރައީސް

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ރާއްޖޭގައި ވޭޕް ވަނީ މަނާކޮށްފައި --- ފޮޓޯ/ގެޓީ އިމޭޖަސް

ސަރުކާރުން ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅު އެޅީ ވަކި ބަޔަކަށް ފައިދާ ކުރުވަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިހާރު ރ. އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އެ ބޭނުން ކުރުން ވެސް މަނާކޮށްފައެވެ. އަދި ސިނގިރެޓުގެ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމަށްފަހު، އަމިއްލައަށް ސިނގިރެޓު އޮޅާ ސާމާނު ވެސް ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ހަދައިފައެވެ. މި ކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަދި ވެސް އަމާޒުވެއެވެ.

https://sun.mv/200941

ރައީސް ވިދާޅުވީ އެ ނިންމުން ނިންމެވީ، ވޭޕާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުން ރައްޔިތުން ދުރުކުރުވުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. ރައީސް ވިދާޅުވީ ވޭޕް ސީދާ މަނާ ކުރުމަށް ނިންމެވީ، އެއީ މާ ފަހުން ރާއްޖެއަށް ތައާރަފުވީ އެއްޗަކަށްވެފައި، ދުންފަތުގެ އިސްތިއުމާލު ކުރުންހާ އާންމު ކަމަށް އެ ކަން ނުވާތީ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އެކަމުން ދުރުވާން. އަޅުގަނޑު އެންމެ ދެކެން ބޭނުންނުވާ ކަންތައް، އަޅުގަނޑުމެންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ލިބޭ ގެއްލުންތަކުން އާންމު ރައްޔިތުންނަށް އެކި ކަހަލަ ސަލާމަތްނުވެވޭ ކަހަލަ ބަލިތައް ކުރިމަތިވެގެން ދިއުން. އެ ބަލިތަކުގައި އުޅެ ހަޔާތް ނިމިގެން ދިއުން" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖެ ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ވައުދުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި ފަރުވާގެ ފެންވަރު ރަނގަޅު ކުރުމާއި، ބަލިތަކަށް ހުށަހެޅެން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ބެލިޖެހުމުގެ ކުރިން ފިޔަވަޅު ތަކެއް އެޅުން ހިމެނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެ ގިނަ ސިއްހީ މައްސަލަތަކަށް ހުށަހެޅެނީ ދުންފަތުގ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. އެ ބާވަތްތަކުގެ އަގު މައްޗަށް ޖެއްސީ އެ ސަބަބަށް ޓަކައިކަން ރައީސް ވަނީ ތަކުރާރު ކުރައްވައިފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމުގެ ގޮތުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ވަނީ ޚާއްސަ ކްލިނިކުތަކެއް ވެސް ދަނީ ގާއިމް ކުރަމުންނެވެ.

https://sun.mv/198135

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ގުޅިގެން، އެއީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރި ކަމެއް ކަމަށް ވެސް ވާހަކަ ދެކެވެއެވެ. މި ކަމާ ގުޅިގެން ރައީސް ވިދާޅުވީ، ދުންފަތުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން އެއިން ކަންތައްތައް ހިންގުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އާމްދަނީ ވެސް މިހާރު ކަލްކިއުލޭޓް ނުކުރާނެ ކަމަށެވެ.

މިއަހަރު ސިނގިރޭޓާއި ބިޑިން 1.05 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ޖެހިގެން އަންނަ އަހަރު އެ އަދަދު 1.04އަށް ތިރިވާނެ ކަމަށާއި 2027ގައި އެ އަދަދު 1.03އަށް ތިރިވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

comment ކޮމެންޓް