އޭ-330ގެ ފުރަތަމަ ދަތުރު: އަންނަ ބުރާސްފަތީގައި ޗައިނާގެ ޗެންގްޑޫއިން ރާއްޖެއަށް

މޯލްޑިވިއަންގެ އާ ބޮޑު ބޯޓު: އެ ބޯޓުގައި އެއް ފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ -- ސަން ފޮޓޯ/ މޫސާ ނަދީމް

ގައުމީ އެއާލައިން (މޯލްޑިވިއަން)އިން އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް، އޭ-330ގެ ފުރަތަމަ ދަތުރު ޗައިނާގެ ޗެންގްޑޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އަންނަ ބުރާސްފަތި ދުވަހު ކުރަން ހަމަޖެހިފައި ވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިދިޔަ ޖެނުއަރީ 21ގައި މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ. އެއާއެކު ޗައިނާގެ ބެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމައިފައެވެ.

މޯލްޑިވިއަނުން ވަނީ ޗައިނާގެ ތިން މަންޒިލަށް ކުރާ ފުރަތަމަ ރިޓާން ދަތުރުތަކަށް ޚާއްސަ ޕެކޭޖް އޮފާތަކެއް ވެސް ތައާރަފުކޮށްފައެވެ.

އެ ޕެކޭޖުގެ ތެރެއިން މާދަމާއިން ފެށިގެން 30 ޖެނުއަރީއާ ހަމަޔަށް ޗެންގްޑޫއަށް ދެކޮޅު ޓިކެޓު 688 އޫއެސް ޑޮލަރަށް ލިބޭއިރު، ކޮންމެ ޓިކެޓަކަށް ބެގެޖް އެލޮވެންސްގެ ގޮތުގައި 40 ކިލޯ އުފުލޭނެއެވެ.

ބެއިޖިންއަށް އަންނަ ހުކުރު ދުވަހުން ފެށިގެން ފެބްރުއަރީ އެކެއްގެ ނިޔަލަށް ދެކޮޅު ޓިކެޓު އުޅެނީ 788 ޔޫއެސް ޑޮލަރަށެވެ. އަދި ކޮންމެ ޓިކެޓަކަށް ބެގެޖް އެލޮވެންސްގެ ގޮތުގައި 40 ކިލޯ އުފުލޭނެއެވެ.

އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ ހަތަރަކާ ހަމައަށް ޝަންގްހާއިއަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓު 777 ޔޫއެސް ޑޮލަރަށް ހުރިއިރު، ކޮންމެ ޓިކެޓަކަށް ބަގެޖް އެލޮވެންސްގެ ގޮތުގައި 40 ކިލޯ އުފުލޭނެއެވެ.

މި އަހަރު ޗައިނާއާއި ޔޫރަޕްގެ މަންޒިލްތައް ހިމެނޭހެން އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ޗައިނާގެ ތިން ސިޓީގެ އިތުރުން، ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއެއް ހިމެނެއެވެ.

މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.

comment ކޮމެންޓް