ވޮޝިންޓަން (21 ޖަނަވަރީ 2025) : އެމެރިކާގެ ވެރިކަމާ ދެވަނަ ފަހަރަށް ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމާއެކު ވަރަށް އަވަސް އަދި ބޮޑެތި ނިންމުންތަކެއް އޭނާ ނިންމަވަން ފައްޓަވައިފިއެވެ. މީގެތެރޭގައި އަންހެން ފިރިހެން މިދެ ޖިންސުގެ އިތުރުން އެމެރިކާއާއި ޔޫރަޕް ލެބެރަލް ފިކުރުގައި ޖެންޑާއޭ ކިޔައިގެން އަމިއްލައަށް ހަދައިގެން އުޅޭ ތިންވަނަ ޖިންސް ގަބޫލުނުކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުންވެސް ހިމެނެއެވެ.
ހުޅަނގުގެ ލެބަރަލް ފިކުރުގައި ޖެންޑާއޭ ކިޔަނީ ޖިންސު ބަދަލުކޮށްގެން އުޅޭ މީހުން (ޓްރާންސް ޖެންޑާ) އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޖިންސަށެވެ.
ޖެންޑާއަކީ އަންހެނުންގެ ހައްގުތަކާ އެއްވެސް ވަރަކަށް ގުޅުން އޮންނަ ކަމެއްނޫނެވެ. ޔޫރަޕުން ގެންދަނީ ޖެންޑާއޭ ކިޔައި އެމީހުން އަމިއްލައަށް ތިންވަނަ ޖިންސެއް އުފައްދައިގެން އެއްޖިންސުގެ ޖިންސީ ގުޅުންތަކުގެ ހުތުރު އަމަލުތައް މުޅި ދުނިޔޭގައި ޕްރޮމޯޓްކޮށް އެނުބައި އަމަލު ގައުމުތަކުގައި ފެތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިނުބައި ޝައިތާނީ އަމަލު ހުޅަނގުން ޕްރޮމޯޓްކުރަމުން ގެންދަނީ އެއީ އިންސާނީ ހައްގެއްކަމަށް ހަދައިގެން އިންސާނީ ހައްގުތަކުގެ ނަމުގައެވެ.
ޓްރަމްޕްގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ ވަނީ ޔޫރަޕުން ޕްރޮމޯޓްކުރާ ހުޅަނގުގެ ލެބަރަލް ފިކުރަށް ގޮންޖައްސަވައި އެއީ ބޯދާ އަދި އައުޑް ޑޭޓެޑް ފިކުރެއްކަމަށް ސިފަކުރައްވައިފައެވެ.
އެގޮތުން 1990 ވަނަ އަހަރާ ހަމައަށް ޑަބްލިޔުއެޗްއޯއިން އެއްޖިންސުގެ ގުޅުންތަކާމެދު ދެކެނީ އެއީ މެންޓަލް އިލްނެސް ނުވަތަ ސިކުނޑީގެ ބަލިމަޑުކަމެއްގެ ގޮތުގައެވެ. ނަމަވެސް އެ އަހަރު ޑަބްލިޔު.އެޗް.އޯއިން އެކަން ބަދަލުކުރީ އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކުގެ ސަބަބުންނެވެ.
ޓްރަމްޕްގެ މިނިންމުގެ ސަބަބުން ފެމިނިޒަމްގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި ޖިންސު ބަދަލުކޮށްގެން އުޅޭ މީހުން ނުވަތަ "ޓްރާންސް ޖެންޑާ" ގެ ޝިކާރައަކަށް ވެފައިވާ މީހުންނާ އަދި އެއްޖިންސުން ގުޅުންހިންގާ މީހުން ވަނީ ވަރަށް ރުޅިއައިސްފައެވެ.
މީގެއިތުރުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އަށް އެމެރިކާ ކުރަންޖެހޭ ޚަރަދު ބޮޑުކަމަށް ވިދާޅުވެ އެ ޖަމިއްޔާއިން އެމެރިކާ ވަކިވުމަށްވެސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ.
ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރެއްގައި ބުނެފައިވަނީ ޑަބްލިޔު.އެޗް.އޯއަށް އެމެރިކާ ކުރަންޖެހޭ ޚަރަދު މާބޮޑުވާތީ އެ ޖަމިއްޔާގެ މެންބަރުކަމުން އެމެރިކާ ވަކިވެއްޖެ ކަމުގައެވެ. މި ގަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ޗައިނާއަށްވުރެ ބޮޑު ޚަރަދެއް އެމެރިކާއިން ކުރަންޖެހޭ ކަމަށާއި އެއީ އިންސާފު ނޫންކަމުގައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އަށް އެމެރިކާ ކުރާ ޚަރަދު ކުޑަކުރުމަކީ އެ ޖަމިއްޔާގެ މެންބަރުކަމުން ވަކިނުވެވެސް އެމެރިކާއަށް ކުރެވިދާނެ ކަމެކެވެ. އެމެރިކާ އދ. އަށް ވެސް އެހެން ގައުމުތަކަށް ވުރެ ބޮޑަށް ޚަރަދު ކުރަނީ މަޖްބޫރުކޮށް ގެނެއް ނޫނެވެ. އެތަންތަނަށް އެމެރިކާ ބާރާއި ނުފޫޒު ހިންގުމުގެ ޓޫލެއްގެ ގޮތުންނެވެ.
އދ. އަށް ބޮޑަށް ޚަރަދު ކުރަނީ އދ. އަށް ބާރާއި ނުފޫޒު ހިންގުމަށް ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ވެސް އެމެރިކާ ބޮޑު ޚަރަދު ކުރަނީ އެމެރިކާގެ ބާރާއި ނުފޫޒު އެ ޖަމިއްޔާއަށް އެހެން ގައުމުތަކަށް ވުރެ ބޮޑަށް ފެތުރުމުގެ ބޭނުމުގައި ކަމަށް މި ފަރާތްތަކުން ބުނެއެވެ.
ދެހާސް ވިހި ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެމެރިކާ ވަކިވުމުގެ ނިންމުމެއް ޓްރަމްޕް ނިންމެވިއެވެ. އެ ފަހަރު ބަހަނާއަކަށް ޓްރަމްޕް ދެއްކެވީ އެ ޖަމިއްޔާއަށް ޗައިނާގެ ބާރާއި ނުފޫޒު މާބޮޑަށް ހިނގާ ކަމުގެ ތުހުމަތެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމުގެ މަރުހަލާގައި އޮއްވައި ޓްރަމްޕަށް ވެރިކަން ގެއްލުނީއެވެ. އެއަށްފަހު އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން ވަޑައިގެން ޓްރަމްޕުގެ ނިންމުން ބަދަލުކުރެއްވީއެވެ.
އެމެރިކާ، ޑަބްލިޔު.އެޗް.އޯއިން ވަކިވުމަކީ އެ ޖަމިއްޔާގެ ހަރަކާތްތަކަށާއި ޕްރޮގްރާމުތަކަށް ބޭނުންވާ ބަޖެޓް ކުޑަވެގެންދާނެ ކަމެކެވެ. ނަތީޖާއަކަށް ވާނީ ބަލިތައް ކޮންޓްރޯލްކުރުމާއި ސިއްހީ ކުއްލި ހާލަތްތަކަށް އިޖާބަ ދިނުންފަދަ ޑަބްލިޔު.އެޗް.އޯއިން ހިންގާ ހަރަކާތްތަކަށް ވަގުތީ ގޮތުން ބުރޫއެރުމެވެ. ނުވަތަ އެ ހަރަކާތްތައް ވަގުތީގޮތުން މަދުވެގެން ދިޔުމެވެ.
ނަމަވެސް އެހެން ގައުމުތަކުން ޑަބްލިޔު.އެޗް.އޯއަށް ކުރާ ޚަރަދު ބޮޑުކުރާނަމަ މީގެ ނޭދެވޭ އަސަރު ކުޑަވެގެން ދާނެއެވެ. އަދި އެހެން ގައުމުތަކުން ކުރާ ޚަރަދުތައް ބޮޑުކޮށްގެން އެމެރިކާގެ ބައި ފޫބެއްދޭނެއެވެ. ނަމަވެސް އެކަމަށް މުއްދަތެއް ނަގާނެއެވެ.
ޓްރަމްޕް އިއްޔެ ވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ މުއާހަދާ ކަމަށްވާ "ޕެރިސް އެގްރީމެންޓް" އިންވެސް އެެމެރިކާ ވަކިކުރުމުގެ ގަރާރެއްވެސް ނެރުއްވާފައެވެ. މީގެކުރިން ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް އެމެރިކާވަނީ މި އެގްރީމެންޓުން ވަކިވެފައެވެ.
ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ދައުރަށްފަހު ބައިޑެންގެ ވެރިކަމުގައި އެމެރިކާ އަލުން މި އެގްރީމެންޓްގައި އެމެރިކާ ވަނީ ބައިވެރިވެފައެވެ. ޓްރަމްޕަކީ ދުނިޔޭގެ މޫސުމަށް ބަދަލުއަންނަކަމާއި ޖައްވު ހޫނުވާކަމަށް ސައެންސުން ލިބޭ ހެކިތައް ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ.