މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންއަށް ހަމަލާދީ ޒަޚަމްކުރި މައްސަލައިގައި ޝައްކުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މުމްބާއީއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އާކާޝް ކައިލާޝް ކަންނޯޖިއާ ނަމަކަށް ކިޔާ ޒުވާނެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ހައްޔަރު ކުރެވުނު މީހާ އިތުރު ދެ ނަމެއް ބޭނުން ކުރާ ކަމަށާއި އޭނާ އަކީ އިންޑިއާ މީހެއްކަމެއް ނުވަތަ ބަންގްލަދޭޝްއިން އިންޑިއާ އެތެރެވެފައިވާ މީހެއްތޯ ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން މި މީހާ ހައްޔާރުކޮށްފައި ވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޗައްތިސްގަރުގެ ދުރްގް ރެއިލްވޭ ސްޓޭޝަން ސަރަހައްދުންނެވެ.
މި މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުންނާ ހަވާލާދީ ޕިންކްވިލާއިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ސައިފް އަދި އަންހެނުން ކަރީނާ އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/ބޮލީވުޑްބަބްލްސް
އުމުރުން 54 އަހަރުގެ އެކްޓަރު ސައިފް އަލީ ޚާންއަށް ހަމާލާދީ ޒަޚަމްކޮށްލާފައި ވަނީ އެގެއަށް ވައްކަން ކުރުމުގެ ބޭނުމުގައި ވަން މީހަކާ އެކްޓަރާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ.
މި ހާދިސާގައި ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާއިރު އެކްޓަރުގެ މައިބަނދައަށް ވަރަށް ފުންކޮށް ވަޅި ހެރުމުގެ ސަބަބުން އެމަޖެންސީކޮށް ސާޖަރީއެއް ވެސް ވަނީ ހަދާފާއެވެ.
މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ސައިފަށް ފަރުވާ ދެމުން އަންނައިރު އަވަސް ފަރުވާއަށް ފަހު އެކްޓަރުގެ ހާލު ރަނގަޅުކަމަށާއި ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ސައިފްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

އެކްޓަރު ސައިފް އަލީ ޚާން އަދި ސައިފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހާ--ފޮޓޯ/ޕިންކްވިލާ
މި މައްސަލައިގެ ތަހުގީގަށް މުމްބާއީގެ ކްރައިމް ބްރާންޗުން 20 މީހުން ހިމެނޭ ޓީމެއް ނެރެފައިވާއިރު ބުރާސްފަތި ދުވަހުން ފެށިގެން މިހާތަނަށް 30އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށް އެ މީހުންގެ ބަޔާން ވަނީ ނަގާފައެވެ.
ސައިފް އާއި އަންހެނުން އަދި ދެ ކުދިން ކަމަށްވާ ތައިމޫރު އާއި ޖޭ އެމީހުންގެ ނެނީސްއާ އެކު ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން މީހާ އެ އެޕާޓްމަންޓުގެ ސިޑިން ނުކުމެގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީޑިއާގައި ވަނީ އާއްމުވެފައެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އަދި ނުފޫޒުގަދަ އާއިލާއަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ސައިފް އާއި ކަރީނާ ކަޕޫރު ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަދެ އެކްޓަރަށް ދިން މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ މުމްބާއީގެ ހާއްސަކޮށް ބަންޑްރާގައި ދިރިއުޅޭ ފިލްމީ ތަރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.