މި މަހުގެ 31ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ތާވަލުކޮށްފައިވާ ފިލްމު "ދޭވާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމުގެ ޓީޒާ ރިލީޒް ކުރުމާ އެކު ފިލްމުގެ ޓްރެއިލާ ރިލީޒް ކުރާނެ ދުވަހަކަށް ވަރަށް ގިނަ ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ. ފިލްމު "ދޭވާ"ގެ ޓްރެއިލާގެ ރިވިއުސްތަކަށް ބަލާއިރު ގިނަ ބަޔަކު ބުނެފައި ވަނީ ޓީޒާއިން ޝާހިދު ފެނުނު ވަރަށް ވުރެ ޓްރެއިލާގައި އެކްޓަރު ފެންނަ ގޮތް މާ ޝައުގުވެރި ކަމަށެވެ.
އެގޮތުން މިއީ އެކްޝަން ސީންތަކުން ފުރިގެންވާނެ ފިލްމެއްކަން އެނގިގެން ހިނގައްޖެ ކަމަށާއި މި ފިލްމުން ޝާހިދު ފެންނާނީ ބެލުންތެރިން އެކްޓަރު ފެންނަން ބޭނުންވާ ފަދަ އެކްޝަން ކެރެކްޓާއެއްގެ ރޯލުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
މި ފިލްމަކީ 2019ވަނަ އަހަރު ރިލީޒްވި ޝާހިދުގެ ފިލްމު "ކަބީރު ސިންގް"އަށްފަހު އެކްޓަރު އެފަދަ އެހެން ނަމަވެސް އެކްޝަން ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމުކަމަށް ވުމުން ފިލްމު ރިލީޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
ޝާހިދުއާ އެކު ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލުން ފެންނަ މި ފިލްމަކީ ޕްރޮޑިއުސަރު އަދިތިޔާ ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ޝާހިދު ވަރަށް ވަރުގަދަ ފުލުހެއްގެ ރޯލުން ފެންނާނެއިރު ޕޫޖާ ކުޅެނީ ޖެހިލުން ކުޑަ ނޫސްވެރިއެއްގެ ރޯލެވެ.
ޝާހިދުގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް މި ގެނެސްދެނީ އެކްޓަރު އެންމެފަހުން ފެނުނު ފިލްމު "ތޭރީ ބާތޯމެ އޭސަ އުލްޖާ ޖިޔާ" ރިލީޒްވިތާ އަހަރެއްވީ ފަހުންނެވެ.