ޔަޝްގެ އުފަންދުވަހު ދައްކާލި 'ޓޮކްސިކް'ގެ ޓީޒާއަށް ގިނަ ބައެއްގެ ތައުރީފު

މި އަހަރުގެ މާޗް މަހު ސިނަމާތަކަށް އަންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް"ގެ ޓީޒާ ރިލީޒް ކުރުމާ އެކު ފިލްމަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

ފިލްމު "ކޭޖީއެފް"ގެ ސީރީސްތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ކަންނާޑާ އެކްޓަރު ޔަޝްގެ 40 ވަނަ އުފަންދުވަހާ ގުޅުވައިގެން އިއްޔެ ބެލުންތެރި ދައްކާލި "ޓޮކްސިކް"ގެ ޓީޒާ ބެލުމަށްފަހު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބުނެފައި ވަނީ ޔަޝްގެ ހުނަރުވެރިކަމާއި މޮޅު އެކްޓިންގް މިފަހަރުވެސް ދައްކާލީ ވަރަށް ވަރުގަދަކޮށް ސްޓައިލްގައި ކަމަށެވެ.

އޭގެތެރޭގައި ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ، ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ، ކަރަން ޖޯހަރު ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރިތޭޝް ދޭޝްމުކް ހިމެނެއެވެ.

ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ފިލްމު "ޓޮކްސިކް"ގެ ޓީޒާ ބެލުމަށްފަހު ބުނެފައި ވަނީ އެކްޝަން ފިލްމެއް އުފެއްދުމަކީ ހަމައެކަނި ފިރިހެނުންނަށް ކުރެވޭނެ މަސައްކަތެއް ނޫންކަން ޑައިރެކްޓަރު ގީތޫ މޯހަންދާސް ސާބިތުކޮށްދީފި ކަމަށެވެ.

ފިލްމު "ޓޮކްސިކް"ގެ ބަތަލާ ރުކްމަނީ ފިލްމުގައި ކުޅޭ ކެރެކްޓާ ދައްކާލުން--ފޮޓޯ/އެންޑީޓީވީ

ފިލްމުގެ ޓީޒާ ބެލުމަށްފަހު އެއީ ހަގީގަތުގައި ވެސް ގީތޫ މޯހަންދާސްގެ މަސައްކަތެއްކަން ގަބޫލުކުރަން ދަތިވި ކަމަށް ރާމް ގޯޕާލް ވަރުމާ ވަނީ ބުނެފައެވެ.

މި ފިލްމަކީ ގީތޫ މޯހަންދާސް އާއި ފިލްމުގެ ލީޑް އެކްޓަރު ޔަޝް ގުޅިގެން ތައްޔާރުކޮށްފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް މާޗް މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެ "ޓޮކްސިކް" އަކީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ އެކްޝަން ފިލްމުތަކުގެތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

މި ފިލްމުގެ ކާސްޓުގައި ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ހުމާ ގުރައިޝީ، ނަޔަންތާރާ، ރުކްމިނީ ވަސަންތު، އަކްޝޭ އޮބޮރޯއި، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނޭއިރު ފިލްމުގައި ހިމެނޭ ބަތަލާއިންގެ ކެރެކްޓާތައް ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ. މި ފިލްމަކީ 2022ގައި ގެނެސްދިން "ކޭޖީއެފް"ގެ ދެވަނަ ފިލްމަށްފަހު ޔަޝް ގެނެސްދޭ އެކްޓަރުގެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް