ގިނަ ބަޔަކު އިންތިޒާރުކުރާ ވިޖޭގެ ފިލްމު ފަސްކޮށްފި

މިއަދު ސިނަމާތަކަށް ގެންނާނެކަން ކުރިން އިއުލާނުކުރި ދެކުނު އިންޑިއާގެ އެކްޓަރު ތަލަޕަތީ ވިޖޭގެ ފިލްމު "ޖާނާ ނަޔާގަން" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ދެކުނު އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ތަމަޅަ އެކްޓަރު ވިޖޭގެ ފިލްމު "ޖާނާ ނަޔާގަން" ރިލީޒްކުރުން ފަސްކުރިކަން އެ ފިލްމު ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަންސްއިން ވެސް ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އެ ސްޓޫޑިއޯއިން އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ ބެލުންތެރިންނަށް ވައުދުވީ ދުވަހަށް ފިލްމު ގެނެސްނުދެވުނީތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ފިލްމާ ގުޅުންހުރި ބައެއް ނިންމުންތަކަކީ އެ ސްޓޫޑިއޯގެ ބާރުގެ ދަށުގައިވާ ނިންމުންތައް ނޫން ކަމަށާއި އޯޑިއަންސްގެ ފަރާތުން ފިލްމަށް ފާޅުކުރި ޝައުގުވެރިކަން އެ ގޮތުގައި ދަމަހައްޓާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ކޭވީއެންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފިލްމު "ޖާނާ ނަޔާގަން"ގެ މަންޒަރެއްގައި ވިޖޭ އާއި ޕޫޖާ--ފޮޓޯ/އިންޑިއާޓީވީ

ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި ފިލްމަށް އިންތިޒާރު ކުރުމަށް ބެލުންތެރިންގެ ކިބައިން މި ބަޔާނުގައި ވަނީ އެދިފައެވެ.

ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެ ފަހު ފިލްމު ކަމަށްވާ "ޖާނާ ނަޔާގަން" ރިލީޒްކުރުން ފަސްކުރީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން ފިލްމު ރިލީޒްކުރުމުގެ ކުރިން ދޭންޖެހޭ ހުއްދައާ ގުޅޭ ކަންކަން ނިންމުމުގައި ފެއިލްވުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން ރިޓަޔާކުރިކަން އިއުލާނުކުރި ފަހުން ބެލުންތެރިންނަށް އެކްޓަރު ފެންނާނެ އެންމެ ފަހު ފިލްމު ރިލީޒްކުރުން ފަސްކުރިކަން އިއުލާނުކުރިއިރު ބައެއް ސިނަމާތަކުން ފިލްމުގެ ޓިކެޓްތައް އެޑްވާންސްކޮށް ވަނީ ވިއްކާފައެވެ.

ޕޮލިޓިކަލް އެކްޝަން ތުރިލާއެއް ކަމަށްވާ މި ފިލްމުން ވިޖޭއާ އެކު ފެންނާނެ ތަރިންގެ ތެރޭ ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް އަދި ބަތަލާ ޕޫޖާ ހެގްޅޭ ހިމެނެއެވެ.

comment ކޮމެންޓް