އަޖޭގެ ފިލްމު 'ސަން އޮފް ސަރުދާރު 2' ޖުލައި މަހު

ބަތަލާ މްރޫނާލް އަދި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން 2012 ވަނަ އަހަރު ލީޑް ރޯލްއިން ފެނުނު ފިލްމު "ސަން އޮފް ސަރުދާރު"ގެ ދެވަނަ ފިލްމު މި އަހަރުގެ ޖުލައި މަހު ސިނަމާ ތަކަށް ގެންނަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އެކްޝަން ކޮމެޑީ މި ފިލްމަކީ ބަތަލާ ސޮނާކްޝީ ސިންހާ މުހިއްމު ރޯލްއިން ފެނުނު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ބައި "ސަން އޮފް ސަރުދާރު 2"ގެ ނަމުގައި ގެނެސްދޭއިރު ފިލްމުގެ ކާސްޓުންނަށާއި ވާހަކައަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާނެކަން ތަންކޮޅެއް ކުރިން ވަނީ އިއުލާނުކޮށްފައެވެ.

ސޮނާކްޝީގެ އިތުރުން ސަންޖޭ ދަތު، ޖޫހީ ޗާވްލާ އަދި އަރުޖުން ބާޖްވާ މުހިއްމު ރޯލްއިން ފެނުނު މި ފިލްމުގެ ދެވަނަ ބައިގެ ބަތަލާގެ ރޯލްއިން މިފަހަރު ފެންނާނީ މްރޫނާލް ތާކުރުއެވެ.

އަޖޭ ދޭވްގަން ފިލްމު "ސަން އޮފް ސަރުދާރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ސައުތު ސިނަމާގެ ވަރަށް ގިނަ ފިލްމުތައް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މްރޫނާލް އަކީ ފިލްމަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށާއި ބެލުންތެރިންގެ ފަރާތުން ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބު މި ފިލްމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ވިޖޭ ކުމާރު އަރޯރާ ވަނީ ބުނެފައެވެ.

ޖިއޯ ސްޓޫޑިއޯ އާއި އަޖޭ ދޭވްގަންގެ އަމިއްލަ ފިލްމު ކުންފުނި ދޭވްގަންސް ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޝޫޓިންގް މިދިޔަ އަހަރުތެރޭ ނިންމާލާފައި ވާއިރު ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ.

މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ މި ފިލްމުގެ ސީކުއަލްއަށް ދެން މާގިނަ ދުވަހު އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް