ސައިފްގެ މޭކަށިގަނޑަށް ވަޅި ހެރުމުގެ ސަބަބުން މައިބަދައަށް ވަނީ ގެއްލުންވެފައި، ފުރާނައަށް ނުރައްކަލެއް ނެތް

އެކްޓަރު ސައިފް އަލީ ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންއަށް ލިބުނު ޒަޚަމްތަކުގެ ތެރެއިން މޭކަށިގަނޑަށް ވަޅި ހެރުމުގެ ސަބަބުން މައިބަދައަށް ގެއްލުންވެފައިވާ ކަމަށާއި ނަމަވެސް މިހާރު ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް އެކްޓަރަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.

މުމްބާއީގެ ބަންޑްރާގައި ސައިފްގެ އާއިލާ ދިރިއުޅެމުން އަންނަ އިމާރާތަށް ބުދަ ދުވަހުގެ ރޭގެ މެންދަމު ވަގުތެއްގައި ވައްކަން ކުރަން ވަތް ވަގަކު ވަނީ އެކްޓަރަށް ހަމަލާދީ ގައިގެ ހަ ތަނަކަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައެވެ. އެ މީހާ ވައްކަން ކުރަން ވަތް ވަގުތު ސައިފްއާ އެކު އަންހެނުން ކަރީނާ އަދި ދެ ކުދިން ކަމަށްވާ ތައިމޫރު އާއި ޖޭ ވެސް އެވަގުތު ގޭގައި ތިބި ކަމަށް އެންޑީޓީވީއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ފުލުހުންނާ ހަވާލާދީ އެންޑީޓީވީއިން ބުނެފައި ވަނީ، ވައްކަން ކުރަން ވަތް މީހާ ސައިފް ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައި ވަނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އެ އިމާރާތުން ނުކުންނަން ހުންނަ 'ފަޔަ އެގްޒިޓް' ދޮރަކުން ކަމަށެވެ. ވައްކަން ކުރަން ވަތް މީހާ އެންމެ ފުރަތަމަ ފެނުނީ އެގޭގައި ގެންގުޅޭ މީހަކަށް ކަމަށާއި އެވަގުތު އޭނާ ހަޅޭއްލަވައިގަތުމުން ސައިފް އަށާއި ކަރީނާއަށް ހޭލެވި އެކަން ދެ ތަރިންގެ ސަމާލުކަމަށް އައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައިފް އަންހެނުން ކަރީނާ އަދި ކުދިންގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ސައިފް އާއި ވައްކަންކުރަން ވަތް މީހާއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކްޓަރުގެ ހަށިގަނޑުގެ ހަ ތަނަކަށް އެ މީހާ ވަނީ ވަޅިން ހަމަލާދީފައެވެ. މި މާރާމާރީއަށްފަހު އެ މީހާ އެ ތަނުން ފިލިކަމަށާއި ގޭގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އެ މީހާ ދެނެގަނެ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންގެ އިތުރުން ސައިފް ގޭގައި ދިރިއުޅޭ މަސައްކަތު މީހުންނާ ސުވާލުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްޓަރަށް ލިބުނު ޒަޚަމްތަކާ އެކު ހޮސްޕިޓަލަށް ގެންދިޔައީ ސައިފްގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ޚާން ކަމަށާއި ގޭގައި އެވަގުތު ކާރެއް ނެތުމުން ލީލާވަތީ ހޮސްޕިޓަލަށް ދިޔައީ ތިން ފުރޮޅުލީ އޮޓޯއެއްގައި ލެޔާ އެކު ކަމަށް އެންޑީޓީވީގައި ވަނީ ބުނެފައެވެ. ސައިފްގެ ޑޮކްޓަރުންނާ ހަވާލާދީ މި ނޫހުގައި ބުނެފައި ވަނީ އެކްޓަރުގެ މައިބަދައަށް ހަރާފައި ހުރި ވަޅި ނެގުމަށްފަހު އެ ތަނުން މާގިނައިން ލޭފައިބާތީ ވަރަށް އެމަޖެންސީކޮށް ސާޖަރީއެއް ހަދަން ޖެހުނު ކަމަށެވެ. ސައިފްގެ ކަނައަތަށާއި ކަރަށް ވަރަށް ފުންކޯށް ވަޅި ހަރާފައި ވުމުން ޕްލާސްޓިކް ސާޖަރީއެއް ހަދަންޖެހޭ ކަމަށް ވެސް އެކްޓަރަށް ފަރުވާދޭ ޓީމުގެ ޑޮކްޓަރު ނިތިން ޑާންގޭ ވަނީ ބުނެފައެވެ.

ސައިފްގެ އާއިލާ ދިރިއުޅޭ 12 ބުރީގެ އިމާރާތުގެ ހަތަރު ފަންގިފިލާ އެ އާއިލާ ދިރިއުޅެން ބޭނުންކުރެއެވެ. ސައިފްގެ އިތުރުން ވެސް ފިލްމު އިންޑަސްޓްރީގެ ހައި ޕްރޮފައިލް ތަރިން މި ބިލްޑިންގްގައި ދިރިއުޅެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް