ބޯންމޯތު އަތުން އެންމެ ފަހު ވަގުތު ޗެލްސީ ސަލާމަތްވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބޯންމޯތު ބައްދަލުކުރި މެޗުގައި އެންމެ ފަހު ވަގުތު ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޗެލްސީއިން އުފެއްދި ނަމަވެސް ބޯންމޯތުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗުގެ ފެށުންރަނގަޅުވީ ޗެލްސީގެއެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯލް ޕާމާ ޗެލްސީއަށް ލީޑު ނަގައިދިނެވެ. މިއީ މިސީޒަންގައި ލީގުގައި ޕާމާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި އޭނާ އުޅެނީ މުހަންމަދު ސަލާހް އާއި އާލިން ހާލަންޑްގެ ފަހަތުންތިންވަނައިގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމުން ވެސް ތަނަވަސްކުރިއެވެ. މި މެޗުގައި ބޯންމޯތުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ޖަސްޓިން ކްލައިވާޓްއެވެ. މިއީ މިސީޒަންގައި ކްލައިވާޓް ކާމިޔާބުކުރި ހަ ވަނަ ޕެނަލްޓީއެވެ. އަދި މި ލަނޑު ޖެހިތާ 18 މިނެޓްފަހުން އެންޓޮއިން ސެމެންޔޯ ވަނީ ލަނޑެއް ޖަހާ ބޯންމޯތަށް މި މެޗުގެ ލީޑު ނަގައިދީގައެވެ.

ނަމަވެސް ޗެލްސީއިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާ އަަކަށް ވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ލިބިގެންދިޔަ ހިލޭ ޖެހުމަކުން ކެޕްޓަން ރީސް ޖޭމްސް މެޗުގެ ނަތީޖާ ޗެލްސީއަށް އެއްވަރު ކޮށްދިނުމެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ މިހާރު އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ ލިވަޕޫލަށްވުރެ 10 ޕޮއިންޓް ފަހަތުންނެވެ. އަދި ބޯންމޯތު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.

comment ކޮމެންޓް