ޗެލްސީއިން ސައުތެމްޕްޓަން ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ޗެލްސީއިން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ޗެލްސީއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޗެލްސީއިން ލީޑު ނަގައިފައި ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ކްރިސްޓޮފާ އެންކުންކޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީއިން އެޗޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލެވީ ކޯލްވިލް ކާމިޔާބު ކޮށްދިން ލަނޑާއެކު ޗެލްސީއިން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުއެވެ.

މި މެޗުގައި ޗެލްސީގެ ފަހު ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކް ކުކުރެޔާއެވެ.

މި ކާމިޔާބީއާއެކު ޗެލްސީއިން މި ވަނީ ލީގުގައި ތިން މެޗުން ޖެހިޖެހިގެން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އަދި މި ކާމިޔާބީއާއެކު ޗެލްސީ މިހާރު ވަނީ ތާވަލްގެ ހަތަރު ވަނައަށް ކުރިއަށްވެސް ޖެހިލާފައެވެ. އެއީ ކުޅުނު 27 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކުއެވެ. އަދި މިއާއެކު އެ ޓީމުން މިވަނީ ކުރިން ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ފަސް ވަނައިގައި އުޅޭ ނިއުކާސްލް ޔުނައިޓެޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއްވެސް ނަގައިފައެވެ.

ނަމަވެސް މިރޭ ސިޓީ އާއި ނިއުކާސްލް ކުޅޭ ދެ މެޗު ކާމިޔާބު ކޮށްފިނަމަ އަނެއްކާ ވެސް ޗެލްސީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރޭގެ މެޗުން ބަލިވުމުން ސައުތެމްޕްޓަން އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި 27 މެޗު ކުޅުނު އިރު އެއްވެސް ޓީމެއް މިހާ މަދު ޕޮއިންޓާއެކު އޮވެފައިނެތުމުން މިއީ ލީގުގައި އާ ރިކޯޑެކެވެ. ލީގުގެ ތާރީހްގައި އެންމެ މަދު ޕޮއިންޓާއެކު ލީގު ނިންމާލާފައިވަނީ 2007-2008 ވަނަ އަހަރުގެ ސީޒަންގައި ޑާބީ ކައުންޓީއެވެ. އެއީ 11 ޕޮއިންޓެވެ. އެހެންކަމުން އެވަރަށް ވުރެ އިތުރަށް ހޯދުމަށްޓަކައި ސައުތެމްޕްޓަން ޖެހިފާމިވަނީ އެއް މެޗު ކާމިޔާބު ކޮށް ނުވަތަ ތިން މެޗު އެއްވަރު ކޮށްލާށެވެ.

މި މުބާރާތުގައި ފުލަމް އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުލަމްއެވެ. މި މެޗުގައި ފުލަމްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރަޔަން ސޭސެގްނޮން އާއި ރޮޑްރިގޯ މުނީޒްއެވެ. އަދި ވުލްވްސްގެ ހަމައެކަނި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖާއޮ ގޯމޭޒްއެވެ. މި ކާމިޔާބީ އާއެކު ފުލަމް މިހާރު އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަދި ވުލްވްސް އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

comment ކޮމެންޓް