ސީއީއޯ ޖެންސެން ހުއާން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެންވިޑިއާގެ ބޯޑުން ބައްދަލުކޮށްފި

އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެ ކުންފުނީގެ ބޯޑުން ބައްދަލުކޮށްފިއެވެ.

ކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ރޭ ބޭއްވި މި ބައްދަލުވުމަކީ، މިދިޔަ އާދީއްތަ ދުވަހު ހުއާންއަށާއި އޭނާގެ ޓީމަށް އިތުބާރު އޮތް ކަމަށް ބޯޑުން ބުނެފައި ވަނިކޮށް ގެނައި ބަދަލެކެވެ.

https://www.sun.mv/230318

މި ބައްދަލުވުން ބާއްވާފައިވަނީ، ހުއާންގެ ދަށުން މަސައްކަތްކުރައްވާ އެންވިޑިއާގެ ހެލްތުކެއާ ބައިގެ ވައިސް ޕްރެޒިޑެންޓް ކިމްބާލީ ޕަވެލްއާ އެކު ކައިވެންޏުން ބޭރުން ލޯބީގެ ގުޅުމެއް ބޭއްވެވި ކަމަށް އެ ކުންފުނީގައި މަސައްކަތްކުރި ފަސް މީހަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ މީހުން ބުނި ގޮތުގައި، 1985 ވަނަ އަހަރުން ފެށިގެން ކައިވެނިބައްލަވައިގެން އުޅުއްވާ ހުއާން އާއި ކައިވެނިބައްލަވައިގެން އުޅުއްވާ ޕަވެލް މިދިޔަ މާޗް މަހާ ހަމައަށްވެސް އެކުގައި ގާތްކޮށް އުޅުއްވާ ތަން ވަނީ ފެނިފައެވެ.

މީގެ ކުރިން، އާދީއްތަ ދުވަހު މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ހުއާން ވަނީ މެގަސްޕީޑްގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންއާ އެކު ގުޅުމެއް ބޭއްވެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެލިސް ހުއާންއަކީ ޗައިނާގެ ޖާސޫސެއް ކަމަށް ކަނޑައަޅާފައިވާއިރު، ޗައިނާއިން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާއިރުވެސް ސީއީއޯގެ މަގާމުގައި ހުއާން ދެމިހުންނަވާނެ ކަމަށް އެންވިޑިއާއިން ކުރިން އޮތީ ބުނެފައެވެ.

އެންވިޑިއާގެ ސުލޫކީ މިންގަނޑުގައި، ކުންފުނީގެ އަގު ހިފެހެއްޓުމަށް އަހުލާގީ މަތީ މިންގަނޑުތަކެއް ދެމެހެއްޓުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އެ މިންގަނޑުގައިވާ ގޮތުން، މެނޭޖަރުންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭއިރު، އަމިއްލަ ގުޅުންތަކުގެ ސަބަބުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ނިންމުންތައް ނިންމުމުން އެއްފަރާތްވެ ގާނޫނީ ލަފާ ހޯދަންޖެހެއެވެ.

މި މައްސަލަތަކާ ގުޅިގެން އެންވިޑިއާގެ ހިއްސާގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ހޯމަ ދުވަހު ހުއާންގެ ތަހުގީގު އިއުލާންކުރުމާ އެކު ހިއްސާގެ އަގު 4.3 ޕަސެންޓް ދަށަށް ދިޔައެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް ދެ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 10 ޕަސެންޓް ވެއްޓި، އެސްއެންޑްޕީ 500 އިންޑެކްސްގައި ދެވަނައަށް އެންމެ ދަށް ނަތީޖާއެއް ދެއްކި ކުންފުންޏަށް ވެ، މާޗް 30 އަށް ފަހު އެންމެ ދަށް އަގުގައި ބަންދުވިއެވެ. އިއްޔެ 2.9 ޕަސެންޓް އުފުލުނު ނަމަވެސް، ދެވަނަ ގުޅުމުގެ ވާހަކަތަކާ އެކު އިއްޔެ ރަސްމީ ގަޑީގެ ފަހުން ކުރިއަށްދިޔަ ވިޔަފާރީގައި ހިއްސާގެ އަގު ވަނީ އަށް ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓިފައެވެ.

comment ކޮމެންޓް