ޗިޕް އުފައްދާ މަޝްހޫރު ކުންފުނި އެންވިޑިއާގެ ސީއީއޯގެ މަގާމުން ވަކިކޮށްފައިވާ ޖެންސެން ހުއާން ނެތުމުން، އެ ކުންފުންޏަށް ނުހަނު މުހިންމު ވިޔަފާރި ޑީލްތަކެއް ގެއްލިގެންދާނެ ކަމަށް ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.
އެކްސްގައި ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގައި މަސްކް ބުނީ، އެންވިޑިއާގެ ސަޕްލައި ޗެއިން ހިންގުމުގައި ހުއާން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ގިނަ ޑީލްތަކަކީ ލިޔެކިޔުމުން ވެފައިވާ އެއްބަސްވުންތަކަށްވުރެ ބޮޑަށް، ސީދާ ޖެންސެން ހުއާން އާއެކު ސަލާމްކޮށްލައިގެން އުފައްދާފައިވާ އިތުބާރުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުންތަކެއް ކަމަށް މަސްކް ފާހަގަކުރިއެވެ.
އެންވިޑިއާގެ ބޯޑުން ހުއާން މަގާމުން ވަކިކުރީ ޗައިނާގެ ޖާސޫސެއް ކަމަށް ޝައްކުކުރެވޭ އަންހެނަކާއެކު އޭނާ ސިއްރު ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި، ކުންފުނީގެ އިތުރު މުވައްޒަފުންތަކަކާއެކު ގުޅުން ބޭއްވި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. މިދިޔަ ބުދަ ދުވަހު ހުއާން އިސްތިއުފާ ދިނުމާއެކު، ކުންފުނީގެ ވަގުތީ ސީއީއޯއަކަށް އެންވިޑިއާގެ ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސް ވަނީ އައްޔަންކޮށްފައެވެ.
އޭއައި ވިޔަފާރިއަށް ފައިސާ ހޯދައިދިނުމުގައި އެންވިޑިއާއަކީ "ބޭންކް އޮފް އޭއައި" ނުވަތަ އޭއައިގެ މަރުކަޒީ ބޭންކުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ސަބަބަކީ އެ ކުންފުނިން އޭއައި ދާއިރާގެ ގިނަ ކުންފުނިތަކާއެކު ބޮޑެތި ޑީލްތައް ހަދައި، ކޯވީވް އަދި ނޭވާ ފަދަ އަމިއްލަ ކަސްޓަމަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާތީއެވެ. މީގެ އިތުރުން، މި މަހުގެ ފަހުކޮޅު އޮންނަ އެންތްރޮޕިކްގެ އައިޕީއޯގައި އިންވެސްޓްކުރުމަށްވެސް އެންވިޑިއާއިން ދާދިފަހުން ވަނީ ބޮޑު އެއްބަސްވުމެއް ހަދާފައެވެ.
ހުއާން މަގާމުން ވަކިކުރުމާއެކު އޭއައި ވިޔަފާރިއަށް އެންވިޑިއާއިން ފައިސާ ޕަމްޕްކުރުން ކުރިއަށް ގެންދާނެތޯ މާލީ ބާޒާރުތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މި ޚަބަރާއެކު އެންވިޑިއާގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓުނުއިރު، ވާދަވެރި ކުންފުނިތައް ކަމަށްވާ ބްރޯޑްކޮމް އަދި އޭއެމްޑީގެ ހިއްސާގެ އަގު ވަނީ އުފުލިފައެވެ. މާލީ ބާޒާރުން ދެކޭގޮތުގައި ހުއާން ނެތުމުގެ ފައިދާ ވާދަވެރި ކުންފުނިތަކަށް ވަރަށް ބޮޑަށް ކުރާނެއެވެ.
އޭޝިއާގެ ޗިޕް އުފައްދާ އެންމެ ބޮޑު ތިން ކުންފުނި ކަމަށްވާ އެސްކޭ ހައިނިކްސް، ސެމްސަންގް އަދި ޓީއެސްއެމްސީއަށް މި އޭއައި ބޫމްގައި ވަނީ އާދަޔާ ޚިލާފު ބޮޑު ފައިދާއެއް ލިބި، ހިއްސާގެ އަގު އުފުލިފައެވެ. މި ތިން ކުންފުންޏަކީވެސް އެންވިޑިއާއާ ގުޅިގެން މަސައްކަތްކުރާ ކުންފުނިތަކަކަށްވާތީ، އޭޝިއާގެ ބާޒާރުތަކުގައި މިހާރު އޮތީ މަޑުޖެހިލައިގެން ކަންކަން ހިނގާގޮތް ބެލުމުގެ ވިސްނުމެކެވެ.
ޗައިނާގެ ޖާސޫސެއް ކަމަށް ބެލެވޭ އަންހެނަކާއެކު ހުއާން ގުޅުން ބޭއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ޗައިނާއަށް ޒަމާނީ އޭއައި ޗިޕްތައް އެކްސްޕޯޓްކުރުން އިތުރަށް ހަރުކަށިކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ފިޔަވަޅު އަޅާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މީގެ ސަބަބުން އަމިއްލަ ޒަމާނީ އޭއައި ޗިޕްތައް އުފެއްދުމަށް ޗައިނާގެ ކުންފުނިތަކަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.