ޔޫކްރެއިން ނުހިމަނައި ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އެމެރިކާއާއި ރަޝިޔާއިން ފަށައިފިއެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ރަޝިޔާއާ އެކު އިތުރު މަޝްވަރާތަކެއް ކުރުމަށް އެއްބަސްވެފައިވާކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ.
ސައުދީ އަރަބިއާގައި ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައިރު، ރަޝިޔާއިން ވަނީ ހަރުކަށި ޑިމާންޑުތަކެއް ކޮށްފައެވެ. އެގޮތުން ނޭޓޯގެ މެންބަރަކަށް ޔޫކްރެއިން ވުމަކީ ރަޝިޔާއިން ގަބޫލުކުރާ ކަމެއް ނޫންކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
ސުލްހައިގެ މަޝްވަރާތައް ކުރަން ބޭއްވި އެ ބައްދަލުވުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ހަމަނުޖެހުން ހުއްޓުވޭނެ ގޮތްތަކާބެހޭ ގޮތުން އެމެރިކާއާއި ރަޝިޔާގެ އޮފިޝަލުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅިގެން ޔޫކްރޭނުން ވަނީ އެ ގައުމުގެ ރުހުމާ ނުލައި ލާޒިމުކުރާ އެއްވެސް އެއްބަސްވުމެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
ރަޝިޔާއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ޔޫރަޕްގެ ބައެއް ލީޑަރުން ވަނީ ވާހަކަ ދައްކަވައިފައެވެ.
ޔޫރަޕްގެ ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ޓްރަމްޕްގެ ވެރިކަމުގައި ޔޫކްރޭނަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް އިންކާރުކޮށް ރަޝިޔާއަށް މިނިވަން ލުއިތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވަނީ ވީހާ ވެސް އަވަހަށް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގެއް ހޯދަން މަތީ ފަންތީގެ ޓީމުތަކެއް އެކުލަވާލައި މަޝްވަރާ ފެށުމަށް ގޮވާލައްވާފައެވެ.
ސައުދީގައި ބޭއްވި ބައްދަލުވުމަށް ފަހު ދެ ގައުމުގެ ރައީސުންގެ ބައްދަލުވުން ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި މަސް ނިމުމުގެ ކުރިން ވެސް އެ ބައްދަލުވުން ބޭއްވިދާނެއެވެ.