އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް 15 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ދިން ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އެ ސަރަހައްދު އަލުން އާރާސްތު ކުރުމަށް 50 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާނެ ކަމަށް އދ ން ބުނެފިއެވެ.
އދ ން އެގޮތަށް ހާމަކޮށްފައި ވަނީ ޣައްޒާ އަލުން އާރާސްތު ކުރާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމުގެ ބަދަލުގައި ޣައްޒާ އާރާސްތު ކުރުމަށް އަރަބި ގައުމުތަކުން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
އަންގާރަ ދުވަހު އާންމުކުރި ޣައްޒާ އެންޑް ވެސްޓް ބޭންކް އިންޓަރިމް ރެޕިޑް ޑޭމޭޖް އެންޑް ނީޑްސް އެސެސްމަންޓް (އައިއާރުޑީއެންއޭ) އިން ހިސާބުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރު އޮކްޓޯބަރު 8 އާއި 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8 އާ ދެމެދު 49 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ފަލަސްތީނުގެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 53.2 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. އަދި ފުރަތަމަ ތިން އަހަރު ތެރޭގައި އެކަނިވެސް 20 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ހާމަކޮށްފައިވެއެވެ.
އަލުން ބިނާކުރުމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައި ނުވަތަ 29.9 ބިލިއަން ޑޮލަރު ހަލާކުވެފައިވާ އިމާރާތްތައް ބިނާ ކުރުމަށާއި އެހެނިހެން މުހިންމު އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ބޯހިޔާވަހިކަމަށް ކަމަށާއި ހަމަލާތަކުގައި 292،000 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް އދގެ އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ޣައްޒާގެ ސިއްޙަތާއި ތައުލީމާއި ވިޔަފާރި އަދި ސިނާއަތުގެ ދާއިރާތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ފޫބެއްދުމަށް އިތުރު 19.1 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ޣައްޒާގެ ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލްތަކަކުން މިހާރު ޚިދުމަތް ނުދެވޭ ކަމަށާއި، އިގްތިސާދު 83 އިންސައްތައަށް ދަށްވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓު އާންމުކޮށްފައިވާއިރު، އިސްރާއީލާއި ހަމާސްއިން ކުރި ހަނގުރާމަ ވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ނިމުމަކަށް ގެނެސްފައެވެ.