ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ޑައިރެކްޓް ކުރާ ފިލްމުގެ ރޯލަކަށް ކަރަން ޖޯހަރު ގެންނަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ބަތަލާ ބުނެފިއެވެ.
ދާދިފަހުން ކަންގަނާ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ރިއަލިޓީ ޝޯ އިންޑިއަން އައިޑަލްގައި ވާހަކަދައްކަމުން ބަތަލާ ބުނެފައިވަނީ, ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށެވެ.
އިންޑިއަން އައިޑޮލްގެ ބައިވެރިއަކު ކަންގަނާއަށް ސުވާލުކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަންއާ ދެމެދު އެކި ފަހަރުމަތިން ކުރެވިފައިވާ ބަހުގެ ފިނި ހަނގުރާމައަށް އަމާޒުކޮށެވެ.
ކަންގަނާ ބުނީ، ދަރުމާގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ ކަރަންއަށް ވަރަށް ރަނގަޅު ރޯލެއް ހުށަހެޅުމަށް ފަހު އެ ފިލްމު ޚުދު ކަންގަނާ އަމިއްލައަށް ޑައިރެކްޓްކުރަން ކަމަށެވެ.
އެ ފިލްމަކީ ދަރުމާއިން އާންމުކޮށް އުފައްދާ އާއިލީ ޑްރާމާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކާ ޚިލާފަށް ހަގީގީ ދުނިޔެއާ ގުޅުން ހުރި ފިލްމަކަށް ވާނެ ކަމަށާއި ޕީއާރު އެކްސަސައިޒްއަކަށް ފިލްމު ނުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ނެޝަނަލް އެވޯޑު ހޯދާފައިވާ ކަންގަނާ ފާހަގަކުރެވިފައިވަނީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާ ދެކޮޅަށް އަޑު އުފުލާ ފާޅުގައި ނުރުހުމުގެ ފާޑުކިޔުންތައް ކިޔަމުން އަންނަ މީހެއްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ނުރުހުން ބަތަލާއަށް ވަނީ ރައްދުވެފައެވެ. ދާދި ފަހުން ބަތަލާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބޮލީވުޑްގެ ގިނަ ފަންނާނުން ދިރިއުޅެމުން އަންނަނީ މުޅިން ހުވަފެނީ ދުނިޔެއެއްގައި ކަމަށާއި މިހާރަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކަކީ އެއްވެސް ކަހަލަ އޮއްޓަރެއް ނެތް އުފެއްދުންތަކަށް ކަމަށެވެ.
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ފަހު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކަންގަނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ޕޮލިޓިކަލް ޑްރާމާ "އިމަޖެންސީ"އިންނެވެ.