އެޓުލީގެ ފިލްމު 'ރާކާ'ގައި ދީޕިކާ ކުޅޭ ބައެއް މަންޒަރުތަކަށް ބޮޑީ ޑަބަލްއެއް

ފިލްމު "ރާކާ"ގެ ލީޑް ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި އައްލޫ އަރުޖުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދެކުނު އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އެޓްލީ އުފައްދާ "ރާކާ" ގައި ބަތަލާ ދީޕިކާ ޕަދުކޯން ކުޅެންޖެހޭ އެކްޝަން މަންޒަރުތަކުގައި ބޮޑީ ޑަބަލްއެއް ބޭނުންކުރުމަށް އެޓްލީ ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންގްއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ދާދިފަހުން ސޯޝަލް މީޑިއާގައި އިއުލާނުކުރުމާ އެކު، ދީޕިކާ މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތަކުގައި ބަތަލާ ކުޅޭ އެކްޝަން މަންޒަރުތަކަށްވާނެ ގޮތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

ދީޕިކާ ވަރަށް މުހިއްމު ރޯލެއް ކުޅޭ "ރާކާ"ގައި ބަތަލާ ކުޅޭ ކެރެކްޓާގެ 50 ދުވަހުގެ މަސައްކަތް އަދި ނުނިމު އޮތްއިރު، ބަތަލާ ބަލިވެއިން ހަބަރާ އެކު ފިލްމުގެ ޝެޑިއުލްއަށް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ގިނަ ބަޔަކު ލަފާކުރިއެވެ.

އެހެންނަމަވެސް، އެނގިފައިވާ ގޮތުގައި އެޓްލީ ވަނީ މިކަމުގައި ދީޕިކާއަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައެވެ.

"ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިން ހަބަރު ލިބުމުން އެޓްލީ ވަރަށް ބޮޑަށް އުފާވި. ފިލްމުގެ ތާވަލާމެދު ހާސްވުމުގެ ބަދަލުގައި، އޭނާ ވަނީ ޓީމާއެކު މަޝްވަރާކޮށް އިތުރު ޕްލޭނެއް އެކުލަވައިލާފައި. ދީޕިކާ ކުޅެންޖެހޭ ގިނަ އެކްޝަން މަންޒަރުތައް މިހާރު ކުރިއަށްގެންދާނީ ބޮޑީ ޑަބަލްއެއް (އޭނާގެ ބަދަލުގައި އެހެން މީހަކު) ބޭނުންކޮށްގެން. ދީޕިކާގެ މޫނު ފެންނަ ގާތް މަންޒަރުތައް މިހާރުވެސް ނަގާފައިވާއިރު، ފަހުން ވީއެފްއެކްސްގެ އެހީގައި މި މަންޒަރުތައް އެއްކޮށްލާނެ" ފިލްމު އުފައްދާ ފަރާތާ ގާތް މަޞްދަރަކުން ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދީފައިވެއެވެ.

ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އަދި ޑައިރެކްޓަރު އެޓްލީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުގައި ދީޕިކާ ކުޅެނީ ވަރުގަދަ އެކްޝަން ރޯލެކެވެ. އެހެންކަމުން، އޭނާގެ ސިއްހަތަށް ނުރައްކާވެދާނެތީ އެފަދަ އުނދަގޫ މަންޒަރުތައް އޭނާ ލައްވައި ކުޅުވުމަށް ފިލްމު އުފައްދާ ފަރާތުން ބޭނުމެއް ނުވެއެވެ.

"ފިލްމުގައި ދީޕިކާ ތައާރަފުވާ މަންޒަރާއި، އަލޫ އަރުޖުންއާއެކު ފެންނަ އެކްޝަން މަންޒަރުތަކުގައި ބޭނުންކުރާނީ ބޮޑީ ޑަބަލްއެއް. ނަމަވެސް، ވާހަކައިގެ މުހިންމު ޑްރާމާ މަންޒަރުތަކުގައި ދީޕިކާ އަމިއްލައަށް ބައިވެރިވާނެ. އޭނާއަކީ މި ފިލްމުގެ މުހިންމު ބަތަލާއަކަށް ވުމާއެކު، މާބަނޑުވުމުގެ ސަބަބުން އޭނާގެ ރޯލަށް އެއްވެސް ބަދަލެއް ނުގެންނާނެ" އެޓުލީގެ ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކު މީޑިއާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދީޕިކާ މަސައްކަތްކުރާ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ކިންގް"ގެ ޓީމުން ވެސް ވަނީ ބަތަލާގެ މަންޒަރުތައް ނެގުން އަވަސްކޮށްފައެވެ. އެއީ ބަނޑަށް ދުވަސް ނުވަނީސް، އޭނާ މާބޮޑަށް ވަރުބަލިނުވާނެހެން އެކްޝަން އަދި ލަވަތަކުގެ މަސައްކަތް ނިންމުމަށެވެ.

ބަތަލާ ދީޕިކާ އާއި ރަންވީރު ސިންގްއަށް ދެވަނަ ކުއްޖަކު ލިބޭކަން އިއުލާނުކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި ދެމަފިރިންނަށް އަލަތު ދަރިފުޅު 'ދުއާ' ލިބިފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް