ބޮލީވުޑްގައި މަޝްހޫރުކަން ހޯދުމަށް ފައިސާ ދީގެން ކުރާ އިޝްތިހާރު ނުވަތަ 'ޕެއިޑް ޕީއާރު' މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ބުނެ، މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް ފިލްމީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އޭނާ ބުނާ ގޮތުގައި، ފިލްމީ ތަރިން އަމިއްލަ ނަފްސު މާކެޓް ކުރުމުގެ ބަދަލުގައި، އެ މީހުންގެ މަސައްކަތުގެ ފެންވަރުން ބެލުންތެރިންގެ އިތުބާރު ހޯދަން ޖެހެއެވެ.
އިންޑިއާގައި ނެރޭ 'ދަ ވީކް' މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކަރަން ފާހަގަކުރި ގޮތުގައި، އިޝްތިހާރު ކުރުމާއި މާކެޓިންގްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލައިފި ނަމަ، ބޮލީވުޑްގެ ކުރިމަގު މާ ބޮޑަށް ވެސް ރަނގަޅުވާނެއެވެ.
"އަހަރެން ދެކޭ ގޮތުގައި ބޮލީވުޑުން ޕީއާރުގެ މަސައްކަތްތައް ހުއްޓާލަން ވެއްޖެ. އެއީ މާ ރަނގަޅު ގޮތަކަށް ވާނެ. އެމީހުން ހޯދާ ކާމިޔާބީތަކަކީ އޭގެ ޒާތުގައި މީހުންނަށް ފެންނަން އޮންނަ އެއްޗަކަށް ވާންޖެހޭ. އެކަމަކު ހިތާމައަކީ މިހާރު ފެންނަ ހުރިހާ ޕީއާރު މަސައްކަތްތަކަކީ ފައިސާ ދީގެން ކުރާ ކަންކަމަށް ވުން" ޖާންވީ ކަޕޫރާއި ޝަނާޔާ ކަޕޫރު ފަދަ ތަރިން ބޭނުންކުރާ އިޝްތިހާރު ކުރުމުގެ އުކުޅުތަކާ ބެހޭގޮތުން އާންމުން ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުންޏެވެ.

ބޮލީވުޑްގެ ޒުވާން ބަތަލާއިން ކަމަށްވާ ޝަނާޔާ ކަޕޫރު އަދި ޖާންވީ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ
އޭނާ އިތުރަށް ބުނި ގޮތުގައި، ފިލްމީ ތަރިންގެތެރެއިން އެ މީހަކީ ވަރަށް ރީތި މީހެއް ކަމަށް ބުނަން ބޭނުން ނަމަ، އެކަމަށް ވެސް މިހާރު ޖެހެނީ ފައިސާ ދޭށެވެ. އަދި ދުނިޔޭގައި ހުރި އެންމެ މޮޅު އެކްޓަރަކީ ތިމާ ކަމަށް ދައްކަން ބޭނުން ނަމަ އެކަމަށްވެސް ބޮޑު ހަރަދުކޮށް ފައިސާ ހޭދަކުރަން ފިލްމީ ތަރިން ޖެހިލުން ނުވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން ދެކޭ ގޮތުގައި މިހާރު މިކަން އޮތީ އިންތިހާއަށް ގޮސްފައެވެ. އެހެންކަމުން، އަމިއްލަ ނަފްސު މާކެޓް ކުރުމުގެ ބަދަލުގައި، މަސައްކަތުގެ ފެންވަރުން ބެލުންތެރިންގެ އިތުބާރާއި ލޯބި އަދި ތަރުހީބު ހޯދުމަށް ކަރަން ވަނީ ލަފާ ދީފައެވެ.
ކަރަން ފާހަގަކުރި ގޮތުގައި އޭނާ މި ވާހަކަ ދައްކަނީ ވަކި އެކްޓަރަކަށް އަމާޒުކޮށްގެންނެއް ނޫނެވެ. އެކަމަކު މުޅި އިންޑަސްޓްރީގެ ހާލަތު އޮތް ގޮތުންނެވެ. ފައިސާ ދީގެން ހުރިހާ ކަމެއް ކުރެވޭތީ، ބެލުންތެރިންނަށް ހަގީގަތުގައި ކަމުދަނީ ކޮން އެއްޗެއްކަން ދެނެގަތުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ކަރަންގެ އިންޓަވިއުގައި ބުނެފައިވެއެވެ.
ކަރަންގެ ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، އޭނާގެ މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަން މި އަހަރުގެ ދީވާލީ ފެސްޓިވަލްއާ ދިމާކޮށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މީގެ އިތުރުން، 2006 ވަނަ އަހަރު އޭނާ އުފެއްދި ކާމިޔާބު ފިލްމު "ކަބީ އަލްވިދާ ނާ ކެހެނާ" ސީރީޒެއްގެ ގޮތުގައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.