އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮލީވުޑްގެ ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތެހީއާ އޭނާގެ ޓީމާއެކު އެ ސަރަހައްދު ދޫކޮށް ގޮސްފިއެވެ.
ނޯރާ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ލޮސް އެންޖަލިސްގައި މަޑުކޮށްގެން ތިބުން ރައްކާތެރި ނޫން ކަމަށާއި ވީހާވެސް އަވަހަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ކަމާބެހޭ ފަރާތުން ނޯރާ އާއި ނޯރާގެ ޓީމަށް އެންގި ކަމަށެވެ.
އެހެންވެ އަވަސްވެގަތީ ރައްކާތެރި ސަރަހައްދަކަށް ދިއުމަށް ކަމަށާއި އެހެން ސިޓީއަކަށް ދިއުމަށް އޭނާ ވަގުތުން އެއާޕޯޓަށް ދިޔަ ކަމަށް ނޯރާ ވަނީ ބުނެފައެވެ.
ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ގެތައް އަނދާ އަޅިއަށް ވެފައިވާއިރު ނޯރާ ބުނެފައި ވަނީ މީގެކުރިން ދުވަހަކު ވެސް އެހާ ބިރުވެރި މަންޒަރެއް ފެނިފައިނުވާ ކަމަށެވެ.
އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގިތާ ފަސް މިނެޓުތެރޭ ނޯރާގެ ޓީމާ އެކު އެހެން ސިޓީއަކަށް ދަތުރު ފެށިއިރު ލޮސް އެންޖެލިސްގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ބަތަލާ ވަނީ ހާމަކޮށްފައެވެ.
ނޯރާއަށް ރައްކާތެރި ހިސާބަކަށް ދެވުނުހާ އަވަހަކަށް ބަތަލާގެ ސަޕޯޓަރުންނަށް އޭގެ ޙަބަރު ދޭނެ ކަމަށާއި އުއްމީދަކީ އަވަސް ފުރުސަތެއްގައި އެނބުރި އިންޑިއާއަށް ދެވޭނެ ގޮތެއް ވުމަށް ކަމަށް ނޯރާ ވަނީ ބުނެފައެވެ.
އެމެރިކާގެ މުއްސަނދި ސްޓޭޓްކަމަށްވާ ކެލިފޯނިއާއަށް މި އަލިފާންގަނޑު ފެތުރިފައިވާއިރު ހޮލީވުޑްގެ ބައެއް ފިލްމީތަރިން ބިލިއަނުން ޑޮލަރު ހޭދަކޮށްފައިވާ އަގުބޮޑު ގެތައް ވެސް ވަނީ އަނދާ އަޅިއަށް ވެފައެވެ.