ފިލްމު 'އެނިމަލް' ކުޅެން ބޭނުންވީ ޗެލެންޖިންގް ރޯލެއް ކުޅެން ކަމަށް ތުރިޕްތީ ބުނެފި

ތުރިޕްތީ އެކްޓަރު ރަންބީރު ކަޕޫރާ އެކު ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މަޝްހޫރު ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ 2023ވަނަ އަހަރު ގެނެސްދިން ފިލްމު "އެނިމަލް"އަށް އެއްބަސްވީ ޗެލެންޖިންގް ރޯލެއް ކުޅެންވެގެން ކަމަށް ބަތަލާ ތުރިޕްތީ ދިމްރީ ބުނެފިއެވެ.

ފިލްމު "ލައިލާ މަޖްނޫން"އިން 2017 ވަނަ އަހަރު އިންޑަސްޓްރީއަށް ތައާރަފްވި ތުރިޕްތީ ދާދިފަހުން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފިލްމީ ދާއިރާގައި ހޭދަކުރެވުނު ކުރު މުއްދަތުގެތެރޭ ކާމިޔާބީ އާއި ނާކާމިޔާބީ ތަޖްރިބާކުރެވިފައިވާ ކަމަށެވެ.

ފިލްމު "ޤާލާ" އަދި "ބުލްބުލް"އަކީ ބަތަލާގެ އެކްޓިންގް ހުނަރު ވަރަށް ބޮޑަށް ދައްކުވައިދިން ފިލްމުތަކަކަށް ވިޔަސް ގިނަ ބައެއްގެ ސަމާލުކަން ތުރިޕްތީއަށް ލިބުނީ ފިލްމު "އެނިމަލް"އިން ކަމަށާއި އޭގެފަހުން ސޮއިކުރާ ފިލްމުތައް ހޮވަނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށް 29 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ތުރިޕްތީ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އެނިމަލް" ކުޅުނުއިރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކުޅުނު ކެރެކްޓާއަށް ކަމަށާއި މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކީ 'އެންޓި ފެމިނިސްޓް ފިލްމުތައް ކަމަށް ނުދެކޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ހަމައެއާއެކު އެއްވެސް ފިލްމަކަށް ވަކި ޓެގްލައިންއެއް ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭ ކަމަށް އެންމެ ފަހުން "ވިކީ ވިދްޔާ ކާ ވައިރަލް ވީޑިއޯ" ފިލްމުން ފެނުނު ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "އެނިމަލް"އަށް ސޮއިކުރިއިރު މުޅި ފިލްމުގެ ސްކްރިޕްޓް ބަތަލާއަށް ނޭނގޭ ކަމަށާއި ޑައިރެކްޓަރު ސަންދީޕް ހަމައެކަނި ކިޔައިދިނީ ތުރިޕްތީ ފިލްމުގައި ކުޅޭ ކެރެކްޓާގެ ވާހަކަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ފިލްމަށްފަހު ތުރިޕްތީއަށް ގިނަ ބަޔަކު 'އިންޑިއާގެ ނެޝަނަލް ކްރަޝް'ގެ ނަމުން ނަންދިއިރު ބަތަލާގެ އިންސްޓްގަރާމް ފޮލޮވާސްގެ އަދަދު އެތައް މިލިއަނަށް އެރިއެވެ. ހަމައެއާއެކު ބޮޑެތި ފިލްމު ޕްރޮޑަކްޝަންތަކުން ތުރިޕްތީއަށް ވަނީ ބޮޑެތި ބަޖެޓްތަކުގެ ފިލްމު ހުށަހަޅާފައެވެ. އޭގެތެރޭގައި މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3" ވެސް ހިމެނެއެވެ.

comment ކޮމެންޓް