ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ވަޑައިގެން، މިއަދު ހަވީރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލު ކުރައްވައި، މަޝްރޫއުތައް އަވަސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު އެ ބައްދަލުވުމުގައި ރާއްޖެއަށް ވަޑައިގެންނެވުމުން ވާންގް ޔީއަށް ހޫނު މަރުހަބާއެއް ދަންނަވައި، ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި އެމްއޯޔޫތަކުގެ ދަށުން ކުރިއަށް ގެންދާ މުހިންމު އުމްރާނީ މަޝްރޫއުތައް އަވަސްކުރުމުގެ މުހިންމު ކަމާއި ރައްޔިތުންނަށް އެންމެ މުހިންމު ބޭނުންތަކުގެ ތެރޭގައި ހިމެނޭ ސޯޝަލް ހައުސިންއާއި މަގު ހެދުމުގެ މަޝްރޫއުތަކަށް އިސްކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން އިގްތިޞާދީ ތަފާތު ދާއިރާތައް ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތުކަން، ޚާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ފާހަގަކުރައްވައި، ރައީސް ވަނީ އެ ދާއިރާތައް ކުރިއެރުވުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ވަންގް ޔީ ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްބާރުލުން ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ އަޒުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ރައީސް ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ދިނުމުގައި ޗައިނާގެ ދެމިއޮންނާނެ ކަން މިނިސްޓަރު ވަންގް ޔީ ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި، ރައީސަކީ ޗައިނާއިން ވަރަށް އިތުބާރު ކުރާ ގާތް ރަހުމަތްތެރިއެއް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، ވަންގް ޔީ، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް މަގުފަހިކޮށްދިނުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަން ލިބޭނެކަން ޔަޤީންކޮށްދެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރާއި ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.