ސިޗުއާން އެކަޑަމީން 100،000 ޔުއާންގެ ދަނޑުވެރިކަންކުރާ ތަކެތި ރާއްޖެ ގެނެސްފި

ސިޗުއާން އެކަޑަމީން 100،000 ޔުއާންގެ ދަނޑުވެރިކަންކުރާ ތަކެތި ރާއްޖެ ގެނެސްފި: ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން 100,000 ޔުއާންގެ ދަޑުވެރިކަން ކުރަން ބޭނުންކުރާ ތަކެތި ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް، ދަނޑުވެރިކަމާބެހޭ ވުޒާރާއާއި، ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު މިދިޔަ އަހަރުގެ އޯގަސްޓު ހަވަނަ ދުވަހުވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އަދި އެ ރަސްމިއަޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ އެ އެހީގެ ދަށުން ދަޑުވެރިކަން ކުރަން ބޭނުންކުރާ 500 ތަކެތި މިހާރު ވަނީ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ޕެކޭޖްގައި ހިމެނޭ ތަކެތީގެ ތެރޭގައި:

  • ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔާ
  • ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓް
  • އޮޓަމެޓިކުން ފެންދޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލާ
  • ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓު ކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓު

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއ،ި ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ވުޒާރާގައި އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

ނަމަވެސް ރަށްރަށުގެ އާންމު ޞަަރައްހައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، ރަަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕުރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް ރަށްރަށުގައި އެ ވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗައިން ފޯރުކޮށްދީފައިވ،ާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ޙަވާލުކުރުމަށް އެ ވުޒާރާއިން ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއ،ި ސިޓީ ކައުންސިލްތަކާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އަދި އެގޮތަށް ހަމަޖެއްސެވީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލުކުރަން ޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރެޔާގެ ބޭނުން ހިފޭނެ މަގުފަހިކުރުމަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕަ އިން ބީޓްލް ކޮންޓްރޯލުކުރުމަށް ޓަކައި ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް) ޓީމެއް މިދިޔަ އަހަރު ޑިސެންބަރު މަހު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި އެ ޓީމުން ހަނިމާދޫއަށް ޒިޔާރަތްކޮށް ހަނީމާދޫ އެގްރިކަލްޗާ ސެންޓަރުގައި ނެޗުރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭ ހަދައިފައިވާކަަމަށެވެ. އެ މިނިސްޓްރީން ބުނީ އެ ޕުރޮޖެކްޓުގެ މަޤްސަދަކީ ރާއްޖޭގެ ރުއްތަކަށް އެންމެ ބޮޑަށް ގެއްލުން ދޭ ސޫފި ކޮންޓްރޯލްކުރުން ކަމަށެވެ.

comment ކޮމެންޓް