އިތުރު އުމްރާ ކުންފުނިތަކަކުން ވެސް އުސޫލާ ޚިލާފުވި، ފިޔަވަޅު އަޅާނަން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ވިދާޅުވީ އުސޫލާ ޚިލާފަށް އުމްރާއަށް ގެންދާ އިތުރު ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ އިތުރު ކުންފުނިތައް ފާހަގަވެފައިވާ ކަމަށާއި، އެ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ފޮނުވާ ބައެއް ކުންފުނިތަކުގެ މައްސަލަތައް ވަނީ މި ފަހުން ފެންމަތިވެފައެވެ.

އެގޮތުން، އިއްޔެ ވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލައިގައި، އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފައެވެ.

އަދި، ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ އަލް މަޝްއަރު ޓުއާސްއިން ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އަލް މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.

https://sun.mv/201170

އެ މައްސަލަ ފެންމަތިވެފައިވަނިކޮށް ޝަހީމް މިއަދު ވިދާޅުވީ، ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން އޮކްޓޫބަރު 9، 2024ގައި ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތައް އަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން، އެ އުސޫލަށް އަމަލުނުކޮށް ދޫކޮށްލިކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފުތާގައި އުސޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް، ފިޔަވަޅު އަޅަނީ ކޮން ކުންފުނިތަކަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

އަލްހިޖްރަ އުމްރާ ގްރޫޕުން އުމްރާއަށް ގެންދިޔުމުން ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ތިއްބެވެ.

އެ 23 މީހުންގެ ގްރޫޕު މައްކާއަށް ގެންދިޔައީ ވެސް ތިންބައިކޮށް، ތިން ފްލައިޓެއްގައި ކަމަށާއި، ހުރުމުގެ އިންތިޒާމުތަކެއް ވެސް ހަމަޖެހިފައި ނެތް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން، ދަތުރުގެ ތެރެއިން އެއް ރެއަކު، ހޮޓަލުން ވެސް ނިކުންނަށް ޖެހުނު ކަމަށް ވަނީ ބުނެފައެވެ.

https://sun.mv/201169

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ކުންފުނީގެ '2024 ޑިސެމްބަރު އުމްރާ ދަތުރު'ގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ.

މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ އުމްރާވެރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދިފައިވުމާއެކު، އުމްރާވެރިން ވަނީ މިއަދުގެ ވަގުތެއްގައި މިނިސްޓްރީގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއާއެކު މިނިސްޓްރީން ވަނީ އެ ގްރޫޕް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

comment ކޮމެންޓް