މަސްވެރިން ކިރާ މަހަށްވާ ފައިސާ 48 ގަޑިއިރުތެރޭ ދިނުމަކީ މޮޅު ކަމަކަށް ހަދައިގެން، ސަރުކާރުން މަސައްކަތް ކުރަނީ ކަމުގެ ހަގީގަތް އޮޅުވައިލަން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިބްރާހީމް ނާޒިލް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، މަސްވެރިންނަށް ފައިސާދޭ ވާހަކަ ސަރުކާރުން ދައްކަނީ އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އެ ގޮތުން ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާ ވާހަކަ، ސަރުކާރުން ދައްކާގޮތުން، މަސްވެރިންނާ ދޭތެރޭ ނުރަނގަޅު ތަސައްވުރެއް އުފެދޭކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާއަކީ، އެ މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ގަންނަ މަހަށްވާ ފައިސާކަން ފާހަގަަކޮށް އޭނާ ވިދާޅުވީ، ގަންނަ މަހަށްވާ ފައިސާ ދިނުމަކީ މޮޅު ކަމަކަށް ހަދައިގެން ސަރުކާރުން އެ ވާހަކަ ދައްކަނީ ދޮގު ހަދައި އޮޅުވާލުމަށް ކަމަށެވެ.
"މަސްވެރިންނަށް ވެސް ފިއްތުންތަކާ ދުއްތުރާތައް މެދިވެރިކޮށް ބަހައްޓާފައި، މަސްވެރިންނަށް ލާރިދޭ ވާހަކަ ޓްވީޓު ކުރަމުން، ޚަބަރުގައި އެ ވާހަކަ ލިޔަމުން، ރައްޔިތުންގެ ތެރޭގައި އާންމު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެދޭ ގޮތަށް، މަސްވެރިން ގޭގައި ތިބެގެން ދައުލަތުގެ އާމްދަނީން ލާރިތަކެއް ދޭ އުސޫލުން ވާހަކަ ދެކެވެނީ. އޮޅުވައިލަނީ، ދޮގުހަދަނީ" ނާޒިލް ވިދާޅުވިއެވެ.
މަސްވެރިން ކިރާ މަހަށްވާ ފައިސާ، އެ މީހުންނަށް ލިބުމުގައި ލަސްވާ މައްސަލަ ބޮޑުވެގެން މަސްވެރިން ވަނީ މީގެކުރިން އެކި ފަހަރުމަތުން އިހުތިޖާޖު ވެސް ކޮށްފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭނެ ކަމުގެ ވައުދާ އެކުގައެވެ. އެ ވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ފައިސާ ދޫކުރީ މިދިޔަ 2024ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ.
ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
އެހެން ނަމަވެސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ސަރުކާރުން މިދިޔަ ޖެނުއަރީ ދެވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.