މި ސަރުކާރުން ވެރިކަމަށް އައި ފަހުން މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ވަނީ 2023ވަނަ އަހަރުގެ ނޮވެންބަރުން 20އިން ފެށިގެން މިއަދުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި 1.18 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވަނީ 57،035 މެޓްރިކް ޓަނުގެ މަހަށެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހު ޕޭމަންޓު ދޫކޮށްފައިވަނީ އިއްޔެއާއި މިއަދެވެ. އިއްޔެ 4،799،791 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއަދު 3،897،859 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އެ ގޮތުން މި އަހަރު ފެށުނު ފަހުން މިވީ ދެ ދުވަސް ތެރޭގައި މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދުވަނީ 8,697,650އަށް އަރައިފައެވެ.
މިފްކޯގެ ތަފާސްހިސާބުން ދައްކާގޮތުގައި މި ސަރުކާރުގައި އެއްފަހަރެއްގެ މަތިން އެންމެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު ހަތެއްގައެވެ. އެއީ އެ އަހަރުގެ ނޮވެންބަރު 20އަށްފަހު ދެން ފައިސާ ދޫކުރި ދުވަހެވެ. އެ ދުވަހު މަސްވެރިންނަށް ދޫކުރީ 120،547،674 ރުފިޔާއެވެ.
ޖުމްލަ 1.18 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، މި ފެށުނު އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހަށްވާ 4،639،925 ރުފިޔާ މަސްވެރިންނަށް އަދި ނުދެވި އެބަ އޮތެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ، 48 ގަޑިއިރުގެ ތެރޭގައި އެ މީހުންނަށް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ޕޭމަންޓު ދޫކުރީ މިދިޔަ 2024ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ.
ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
އެހެން ނަމަވެސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.