ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންއަށް ފަހަކަށް އައިސް ލިބެމުންދާ މަރުގެ އިންޒާރުތަކާ ގުޅިގެން އެކްޓަރު މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމެންޓްގެ ބެލްކަނީގައި ބުލެޓު ޕްރޫފް ބިއްލޫރި ހަރުކޮށްފިއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ސަލްމާން ޚާނަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުތައް ދިފައިވާއިރު މިދިޔަ އަހަރުގެ އޭޕްރިލް މަހު ސަލްމާން ދިރިއުޅޭ އެޕާޓްމަންޓަށް ބަޔަކު މީހުން ވަނީ ބަޑީގެ ހަމަލާތަކެއްދީފައެވެ.
މި ހާދިސާއަށް ފަހު، ސަލްމާންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުންގެ ފަރާތުން ސަލްމާނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދީފައިވާއިރު އެކްޓަރުގެ ސެކިއުރިޓީ ވެސް ވަނީ އިހުނަށްވުރެ ވަރުގަދަކޮށްފައެވެ. އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ޚާއްސަ ހުއްދަ ވެސް ފުލުހުން ވަނީ ސަލްމާނަށް ދީފައެވެ.
ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަކީ އެކްޓަރަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ދޭތެރެދޭތެރެއިން އެއްވާ ސަރަހައްދެކެވެ. ސަލްމާންގެ އުފަންދުވަސް އަދި ޚާއްސަކޮށް ޢީދު ދުވަސްތަކާ ދިމާކޮށް ބެލްކަނީއަށް ނިކުމެ އެކްޓަރަށް ސަޕޯޓުކުރާ މީހުންނަށް ސަލާމްދިނުމަކީ އޭނާ އާދަވެގެން ކުރާ ކަންކަމެވެ.
ގެލެކްސީ އެޕާޓްމަންޓްގައި ބުލެޓު ޕްރޫފް ބިއްލޫރި ހަރުކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ވެސް މިފަދަ ދުވަސް ދުވަހާ ދިމާކޮށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާނަށް ލިބޭ މަރުގެ އިންޒާރުތަކުގެ ޒިންމާ އިންޑިއާގެ މަޝްހޫރު އަދި ނުރައްކާތެރި ގޭންގެއް ކަމަށްވާ ބިޝްނޯއި ގޭންގުން ނަގާފައިވާއިރު މި ގޭންގުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ މަހާރަޝްތުރާގެ މިނިސްޓަރެއް ކަމަށްވާ ބާބާ ސިއްދީޤީއަށް ބަޑީގެ ހަމަލާދީ މަރާލާފައެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އައި ބާބާ ސިއްދީޤީއަކީ ސަލްމާނުގެ ވެސް ވަރަށް ގާތް މީހެކެވެ.