ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން, ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ދޫކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު ދެކުނުބުރިއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ހޯނޑެއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ގައުމު ދަރަނިވެރިވިޔަ ނުދީ، އެއްވެސް ވަރަކަށް ފައިސާ ޗާޕުކުރުމެއް ނެތި، ފައިސާގެ އަގު ހިފަހައްޓައިގެން ރައްޔިތުންނަށް ދޭން ހުރި ފައިސާ ދިނުމަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ދައްކަން ހުރި ދަރަނިތައް ދައްކަމުން ތަރައްގީގެ ކަންކަން މި ގައުމަށް ގެނެސްދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ހިނގާ ހަފުތާ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން, ސަރުކާރުން ކޮށްފަ ހުރި މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދިވެހި އެކިއެކި ކުންފުނިތަކަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.
"...އެއީ މި ދެންނެވިހެން ސަރުކާރުން އެކި މީހުން ލައްވާ ކުރުވާފަ ހުރި ކަންކަމަށް. ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް [ފައިސާ] ދޫކުރަމުން ދާނެ. އަދި މިދިޔަ މަސްތަކުގަ ވެސް އެކަން ހުންނާނީ ކޮށްފަ،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރޯދަ މަސް އައުމުގެ ކުރިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ވެސް ދެއްކުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޖެނުއަރީ އަދި ފެބްރުއަރީ މަސްތެރޭގަ ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރްޑީސީ، އެމްޓީސީސީ، ވެމްކޯ މިހެން ކިޔާނެ ކަމެއް ނެތް މިކަހަލަ އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފަ ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެ ހުރީ އެ ކުންފުނިތައް މިސް މެނޭޖުކޮށްފަ އޮތްލެއް ބޮޑުކަމުން،" ރައީސް ވިދާޅުވިއެވެ.
"އޭގެ ވެސް ބޮޑު އިންސައްތައެއް މިބަލަނީ މި ދެ މަސްތެރޭގައި، ރޯދަ މަސް އަންނަން ވާއިރަށް ޖެނުއަރީ ފެބްރުއަރީ ތެރޭގައި ދީ ނިންމޭތޯ،" ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ. ފެނަކައާ އާރްޑީސީ ފަދަ ކުންފުނިތަކަކީ ދަރަނި ބޮޑު، އަދި ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުނިތަކެކެވެ.
ހަމައެއާއެކު އާންމު ރައްޔިތުންގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުލިބި ދިގުދެމިގެންދާ މައްސަލަތައް ވެސް ގިނައެވެ. މަސައްކަތް ކުރުވުމަށްފަހު އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫނުކުރާތީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެފަދަ ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައި އެބަހުއްޓެވެ.